ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލި ވ. އާރަށުގެ މައްސަލައިގައި އާ ހެކިތައް ބަލައިނުގަނެ އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބަދަލުނުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައަކީ އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ހައިކޯޓުން ކުރި ހުކުމުގެ ބައެއް ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެން ބެލި މައްސަލައެކެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅުއްވާފައެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރީ އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ހިލާފަށް ކަމަށެވެ. ނަމަވެސް، ޔާމީންގެ ފަރާތްޕުޅުން ވަނީ އެ ނުކުތާ ހައިކޯޓުގައި ދައުލަތުން ދައްކާފައިނުވާތީ، ސުޕްރީމް ކޯޓުގައި އެކަމަށް ބަހުސް ނުކުރެވޭނެ ކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، އާ ހެކިތަކުގެ މައްސަލައިގައި ހުރި އިޖުރާއީ އައިބުތައް ހައްލުކުރެވިދާނެ ކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފައިނުވާ ކަމަށެވެ. އަދި ހައިކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު 11 އަޑުއެހުން ބޭއްވުނުއިރު، އެކަމާ ގުޅޭ ގާނޫނީ ނުކުތާތައް ފާހަގަކުރުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމަށް ވެސް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
ފަނޑިޔާރުންގެ ނިންމުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދައުލަތުގެ ފަރުވާކުޑަކުރުމުގެ ސަބަބުން ކުރެވޭ ގޯސްތައް ރަނގަޅުކުރުމަކީ އިސްތިސްނާ ހާލަތެއްގެ ގޮތުގައި އާ ނުކުތާތައް ބަލައިގަތުމުގެ މަގްސަދެއް ނޫން ކަމަށެވެ. "...ދައުލަތުގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން ނިންމި ނިންމުމުގެ މައްޗަށް ކުރިން ހުށަހަޅާފައިނުވާ މުޅިން އާ ކަމެއް ތަތުބީގުކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާއެއް ކަމަށް އަހުރެންނަށް ބުރަވެވޭތީ އެކަމުގެ މައްޗަށް މި ކޯޓުން ގޮތް ކަނޑައަޅަން ޖެހޭ ކަމަށް ނުދެކެން،" ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިއްވި ހުކުމުގައިވެއެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ދަށު ކޯޓުގައި އާރަށު މައްސަލަ އަލުން ބަލާއިރު ދައުލަތުން ފަހުން ހުށަހެޅި ހެކިތައް ބޭނުމެއް ނުކުރެވޭނެއެވެ.
އާރަށު މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މަޑުޖެހިފައި އޮތީ ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ ނިމެންދެނެވެ. މީގެ އިތުރުން ވ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދެއެވެ.