މއ. އުދުހޭކޮކާގޭގެ ތެރޭގައި އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސް ޕިނެޑާ މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން ވާގަސް 25 އަހަރަށް ޖަލަށް ލުމަށާއި، އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައިގައި މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެފައިވާއިރު، ލަމްހާގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެވެ.
މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ މާވިންގެ މައްޗަށް ކަނޑައެޅެން އޮތް އެންމެ ބޮޑު އަދަބު ކަމަށްވާ 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. މާވިންގެ ފަރާތުން އޭނާއަކީ ކުރިން ކުށުގެ ރެކޯޑެއް ނެތް، އަދި މިހާރު އިސްލާމްދީން ގަބޫލުކޮށްފައިވާ މީހަކަށްވާތީ ލުއި އަދަބަކަށް އެދުނު ނަމަވެސް، ގާޒީ މުޒައްމިލް ނަސީރު ނިންމެވީ އަދަބުގެ ދަރަޖަ މަތިކޮށް 25 އަހަރުގެ ހުކުމެއް ކުރުމަށެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު މާވިން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 26 ދުވަހެވެ.
ލަމްހާގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ބަންދު މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި 10 މަހާއި ފަސް ދުވަހެވެ. މީގެ އިތުރުން، އައިޖީއެމްއެޗުން ހުއްދަނެތި ބޭސްތަކެއް ނެރުނު މައްސަލައިގައި އުފުލި ދެ ދައުވާއެއް ސާބިތުވެ، އިތުރު ހަތަރު މަހުގެ ހުކުމެއް ވެސް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ. ލަމްހާގެ ފަރާތުން އޭނާގެ މަންމަ ބަލާނެ މީހަކު ނެތްކަމަށް ބުނެ ޖޫރިމަނާ ނުވަތަ ގޭބަންދުގެ އަދަބަކަށް އެދުނު ނަމަވެސް ކޯޓުން އެކަން ގަބޫލެއް ނުކުރިއެވެ.
21 އޮކްޓޯބަރު 2021 ގައި ހިނގި މި ހާދިސާގައި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން މައުލޫމާތު ދިން ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން އެކަން ދޮގުކުރެއެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މާވިން އާއި ލަމްހާ ގުޅިގެން މޭރީ މަރާލީ، ފިލިޕީންސްގެ ގާނޫނުތައް އޮންނަ ގޮތުން މޭރީ ދުނިޔޭގައި ހުއްޓާ އެ ދެމީހުންނަށް ކައިވެނި ކުރެވެން ނެތުމުންނެވެ. ޝަރީއަތަށް ހުށަހެޅި ޗެޓްލޮގްތަކާއި ހެކިތަކުން މި ރޭވުންތެރިކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި މޭރީގެ ހަށިގަނޑުން މީހަކު ޕެރަލައިޒްކޮށްލަން ބޭނުންކުރާ ބޭހެއް ކަމަށްވާ "ސަބްސިނަލްކޯލިން" ފެނިފައިވާއިރު، އެ ބޭސް ފުޅިއެއް ލަމްހާ ދިރިއުޅޭ ކޮޓަރިން ވެސް ފުލުހުން ވަނީ ހޯދާފައެވެ. މިއީ ރާއްޖޭގެ ޖިނާއީ ތާރީޚުގައި ހިނގާދިޔަ މިފަދަ އެންމެ އަނިޔާވެރި އެއް މަރެވެ.