އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަކީލް މިއަދު އައްޔަނުކުރައްވައިފިއެވެ. ޝަކީލް މި މަގާމަށް އައްޔަނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ އެ ކޮމިޝަނުގެ ރައީސްކަމަށް އައްޔަން ކުރަން ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ. މަޖިލީހުން ޝަކީލަށް ރުހުން ދީފައިވަނީ 51 މެމްބަރުންގެ ވޯޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މިއީ އެ ކޮމިޝަނުގެ އިސްވެރިޔާގެ މަގާމަށް އައި މުހިންމު ބަދަލެކެވެ.

ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ.

މީގެ އިތުރުން، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޝަކީލް ވަނީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައެވެ. މި ތަޖުރިބާތަކާއެކު އޭނާ އަލުން ކޮމިޝަނުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަކީ ކޮމިޝަނުގެ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން