ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ރަޝީދު ރިޓަޔަރ ކުރައްވަން ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ރަޝީދު ރިޓަޔަރ ކުރައްވަން ނިންމަވައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ރަޝީދު، އެ ކުންފުނީގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.

އިސްމާޢިލް ރަޝީދަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ރާއްޖޭގެ ޓެލެކޮމް ދާއިރާ ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އިސްމާޢިލް ރަޝީދުގެ ދައުރުގައި ދިރާގުން ވަނީ ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށަކަށް ފައިބަރ ނެޓްވޯކްގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ބައިނަލްއަގުވާމީ ސަބްމެރީން ކޭބަލް އެޅުން ފަދަ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުން ހިމެނެއެވެ.

އިސްމާޢިލް ރަޝީދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ދިރާގުގެ އައު ސީއީއޯ ޑެޒިގްނޭޓްގެ މަގާމަށް ވަލްޑެމާރ ފެރަޑާޒް ވަނީ އައްޔަންކުރައްވާފައެވެ. ވަލްޑެމާރ އަކީ ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު އޮންލައިން