ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކ. އަތޮޅާއި، މާލެ ސިޓީގެ އޮޑިޝަން ފިޔަވާ ހުރިހާ އޮޑިޝަނެއް މިހާރު ވަނީ ނިންމާލާފައެވެ. މި މުބާރާތުގެ މާލެ ސިޓީގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 5 އިން 9 އަށެވެ. އަދި ކ. އަތޮޅުގެ އޮޑިޝަން އޮންނާނީ ޖުލައި 10 އަދި 11 ގައެވެ.
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ އޮޑިޝަން ބުރުގައި ޖުމްލަ 3050 ބައިވެރިން ވާދަކުރެއެވެ. އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބުރަށް ހޮވޭނީ އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން %80 އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ.
މުބާރާތުގެ ފައިނަލް ބުރަށް ދާނީ ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން %85 އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ. ގަވައިދަށް އަލަށް ގެނައި ބަދަލާއެކު، ސެމީ ފައިނަލް އަދި ފައިނަލް ބުރުގެ ފަނޑިޔާރުންގެ ދެ ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ މަދުވެގެން އެއް ފަނޑިޔާރަކު އިންނަވާނެއެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެއެވެ. މުޅި މުބާރާތުން ބަލައިގެން، ނުބަލައި އަދި ޙާފިޡުންގެ ބައިން 1 ވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.