ޤައުމީ ދާރުލްއާސާރުގައި ހުރި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ދާރުލްއާސާރުގައި 7،000 އަށްވުރެ ގިނަ އާސާރީ ތަކެތި ހުރި ނަމަވެސް، އެ ތަކެތި ދަރަޖަކުރާ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. "މި އާސާރުތައް ދަރަޖަކުރާ މިންގަނޑުތަކާއި މިންކޮށް ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ގޮންޖެހުންތައްވެސް އެބަހުރި. އެހެންކަމުން ގައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށްޓަކައި ނުވަތަ ދާރުލްއާސާރު މިހާރު ހުރި ވަރަށްވުރެ އިތުރަށް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން މިދަނީ މަސައްކަތްތަކެއް ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އައިއިރު ދާރުލްއާސާރުގައި ބޮޑު މަރާމާތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިހާރު ދާރުލްއާސާރު ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށާއި، އޭގެ އިތުރުން ދާރުލްއާސާރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްވެސް ކުރަން ޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން ދާރުލްއާސާރުގެ ގޮތްޕެއްގެ ގޮތުގައި އިންޓްރަކްޓިވް އިމާސިވް މިއުޒިއަމް އެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ބޭނުންވާ ފަންޑިންގ ހަމަޖެހިފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާރުލްއާސާރުގައި ހުރި ތަކެތީގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، އެތަނުގައި 7،000 އަށްވުރެ ގިނަ އާސާރުތައް ހުރި ނަމަވެސް މިވަގުތު އާންމުންނަށް ފެންނާނެހެން ޑިސްޕްލޭ ކޮށްފައިވަނީ 600 އެއްހާ އާސާރު ކަމަށެވެ. އޭގެ ތެރޭގައި 1،500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަގުހުރި އާސާރީ ތަކެތި ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.