މާލީ ދާއިރާގެ އަގުވަޒަންކުރުމަށް "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" އަލަށް ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
މާލީ ދާއިރާގެ އަގުވަޒަންކުރުމަށް "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" އަލަށް ތައާރަފުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި އެވޯޑަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ދޭން ފެށި އެވޯޑެކެވެ.

މި އަހަރު އަލަށް ތައާރަފުކުރި މި އެވޯޑުތަކުގެ ތެރެއިން "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު ދެ ފަރާތަކުން ވަނީ ހާސިލުކޮށްފައެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއެވެ. މި އެވޯޑަކީ މާލީ ޚިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެންމެހާ ފަރުދުންނަށް ޚިދުމަތް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދޭ ފަރާތްތަކަށް ދެވޭ ޝަރަފެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަށް މި އެވޯޑު ލިބިފައިވަނީ އެ ބޭންކުގެ "އަޕްލައި ނައު" ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށާއި، ރާއްޖޭގައި އިސްލާމިކް ބޭންކިންގ ފުޅާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ. މި ޕްލެޓްފޯމުގެ ސަބަބުން ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

އެލައިޑް އިންޝުއަރެންސްއަށް މި އެވޯޑު އެރުވުނީ އިންޝުއަރެންސްގެ ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދީ، ރާއްޖޭގެ މާލީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެެއްދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ ސަބަބުން އާންމުންގެ މާލީ ރައްކާތެރިކަން އިތުރުވެ، މާލީ ނިޒާމަށް އޮތް އިތުބާރު ބޮޑުވެގެންދާނެއެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް ޖުމްލަ ހަތް ދާއިރާއަކުން ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން އެހެނިހެން މާލީ އިދާރާތަކުގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން