ހުޅުމާލެ ހޮސްޕިޓަލުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 15 ދަރިވަރަކަށް ހުޅުވާލައިފިއެވެ. މިއީ ޑޮކްޓަރުކަން ކިޔަވައި ނިންމާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ހިންގާ މުހިންމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.
ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމަށް ދަރިވަރުން ހޮވުމުގައި މައިގަނޑު ދެ ކަމަކަށް އިސްކަންދެވޭނެއެވެ. އެއީ އެމްބީބީއެސް ނިންމި ފަހުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށާއި، އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާ ތަރުތީބަށެވެ.
މިއީ ދިވެހިރާއްޖޭގެ މެޑިކަލް ކައުންސިލްގެ އުސޫލުތަކާ އެއްގޮތަށް، ޑޮކްޓަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް ހިންގާ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ޒުވާން ޑޮކްޓަރުންނަށް ސިއްހީ ދާއިރާގެ އަމަލީ މަސައްކަތްތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް މިފަދަ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްތައް އަންނަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދަމުންނެވެ.