ރާއްޖެއިން 50,000 އެމެރިކާ ޑޮލަރުގެ އެހީ އަންރުވާ މެދުވެރިކޮށް ފަލަސްޠީނަށް ދިނުމަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެއިން 50,000 އެމެރިކާ ޑޮލަރުގެ އެހީ އަންރުވާ މެދުވެރިކޮށް ފަލަސްޠީނަށް ދިނުމަށް ހަމަޖައްސައިފި

އ.ދ.ގެ މައި މަރުކަޒުގައި 1 ޖުލައި 2026 ގައި ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް އަންރުވާ މެދުވެރިކޮށް ފަލަސްޠީނަށް ހަދިޔާކުރަން ހަމަޖެހިފައިވާކަން ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވަނީ ވިދާޅުވިއެވެ.

ދާއިމީ މަންދޫބުގެ ވާހަކަފުޅުގައި އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން، ދާއިމީ މަންދޫބު ވަނީ މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ. އަދި، ދާއިމީ މަންދޫބު ވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ތިއްބެވީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަމަށް ވިދާޅުވެފައެވެ.

2024 ވަނަ އަހަރުވެސް ދިވެހިރާއްޖެއިން ވަނީ އަންރުވާއަށް އެހީ ގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަމަޖައްސާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން