އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނާއި، ދަސްވެނިވި ފުލުހުންގެ އާއިލާތަކާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި މެހުމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.
2026 ފެބްރުއަރީ 15 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި 158 ފުލުހުން ބައިވެރިވިއެވެ. ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 140 ފުލުހުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.
މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ.
ކޮމިޝަނާސް އެކްސެލެންސް އެވޯޑް އާއި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ.
މީގެ އިތުރުން، އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަޙްމަދު ހޮވުނުއިރު، އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ރިފްޝާން ޢަލީއެވެ.
ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުންވެސް މި ރަސްމިއްޔާތުގައި ހޮވާފައިވެއެވެ. އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަޙްމަދު ޒައިން އަމްޖަދު، ބީފާން ސްކޮޑުން ކޮންސްޓަބަލް ރާކިން އަޙްމަދު، ހާޖީ ސްކޮޑުން ކޮންސްޓަބަލް އިބްރާހީމް އިރްފާހް، އަދި ރަންވިއްކާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަޙްމަދު ޝިޒާނެވެ.
މުޅި ކޯހުގެ ހުރިހާގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވިފފައިވަނީ އައިނެއްލާ ސްކޮޑެވެ. އައިނެއްލާ ސްކޮޑަށް ޝިލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
ފުލުހުން އަސާސީ ތަމްރީނު ކޯހަކީ، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އިލްމީ އަދި ފަންނީ ހުނަރުތަކުގެ އިތުރުން، އަހުލާގީ ސުލޫކީ މިންގަނޑުތައް ހަރުދަނާކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގެ މަންހަޖުގެ ތެރޭގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި، ކޮމިއުނިޓީ ޕޮލިސިންގގެ އުސޫލުތަކާއި، ގާނޫނު ތަންފީޒުކުރުމުގެ ފަންނީ ހުނަރުތަކުގެ އިތުރުން، ޒަމާނީ ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން ތަމްރީނު ދިނުން ހިމެނެއެވެ.
މި ކޯސް ފުރިހަމަކުރި އޮފިސަރުން ދެން މަސައްކަތް ކުރަން ފަށާނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚިދުމަތް ފޯރުކޮށްދިނުމުގައެވެ.
ހަބަރު: ޕޮލިސް