މަސްތުވާތަކެތި ހުއްޓުވަމީ ޤައުމުގެ މަސްލަހަތު ޤާއިމްކުރުމަށް މުހިންމުކަމެއް: ވަޒީރު އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
މަސްތުވާތަކެތި ހުއްޓުވަމީ ޤައުމުގެ މަސްލަހަތު ޤާއިމްކުރުމަށް މުހިންމުކަމެއް: ވަޒީރު އިހުސާން

މަސްތުވާތަކެތި ހުއްޓުވަމީ ޤައުމުގެ މަސްލަހަތު ޤާއިމްކުރުމަށް މުހިންމުކަމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އެތައް އަހަރެއް ވަންދެން ރާއްޖޭގެ ދާޚިލީ ސަލާމަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. އަދި ރާއްޖޭގައި އިންތިޒާމްވެގެން ހިންގާ ކުށްތަކަށް ފަންޑުކުރަނީ ވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަކީ އުނދަގޫ މަސައްކަތަކަށް ވީނަމަވެސް، އެއީ ޤައުމުގެ މަސްލަހަތު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި އާއްމުކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިވެ، އެ ކަންކަމާ ކުރިމަތިލުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެތިބުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ކުށްކުރާ ފަރާތްތަކަށް ފުލުހުން ރަނގަޅަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މަސްތުވާތަކެތީގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ކުރާ ކުށަށް ވަރަށް ރަނގަަޅަށް ޖަވާބުދޭން ވާނެ. އެތައް އަހަރެއްވީ ހުރަހެއް ޑްރަގްގެ ވަބާއަކީ. އާއިލީ ނުތަނަވަސްކަން ގެނެސް ފަރުދުން ހަލާކުކޮށްލާ. ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަކޮށް ހިފަންޖެހޭ ކަމަކީ މިއީ. ފުލުހުން އެންމެ ކާމިޔާބުކަމާއެކު ނިންމަންވީ މިޝަންއަކީ ޑްރަގްގެ ވަބާއިން ސަލާމަތްވުން،" ކަމަށެވެ.

މިއަދު އޮންލައިން