ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، އެމީހުން ކުރާ ޚަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ލިބިގެންދާނެ އައު ޚިދުމަތެއް ކަމަށްވާ "ބީއެމްއެލް ސްޕްލިޓްޕޭ" މިއަދު ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މި ޚިދުމަތަކީ ކްރެޑިޓް ކާޑުން ކުރާ ބޮޑެތި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ފޯރުކޮށްދިނުމަށް ތައާރަފްކުރި ޚިދުމަތެކެވެ.
ސްޕްލިޓްޕޭ ޚިދުމަތުގެ ދަށުން، 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މިއީ އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.
މި ޚިދުމަތް ބޭނުންކުރެވޭނީ ބީއެމްއެލް ސްޕްލިޓްޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑް ބްރޭންޑްގެ ކްރިޑިޓް ކާޑަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު، އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ.
މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، "ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ބީއެމްއެލް މިވަނީ އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައި،" ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ފަސޭހަތަކެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި މުހިންމު ޚިދުމަތެކެވެ.