ހުރިހާ ކަނަބަލުން ދަސްކުރަންޖެހޭ ފިލާވަޅެއް!: ހެޔޮލަފާ ތަނަވަސް އަންތބަކު ލިބުމުން ސިއްރު ކައިވެންޏެއްކޮށް އަނބިމީހާގެ ތަނަވަސްކަން ދަމައިިގަންނަން އުޅުނު ފިރިއަކަށް އަނބިމީހާ ދިން ވަރުގަދަ ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ހުރިހާ ކަނަބަލުން ދަސްކުރަންޖެހޭ ފިލާވަޅެއް!: ހެޔޮލަފާ ތަނަވަސް އަންތބަކު ލިބުމުން ސިއްރު ކައިވެންޏެއްކޮށް އަނބިމީހާގެ ތަނަވަސްކަން ދަމައިިގަންނަން އުޅުނު ފިރިއަކަށް އަނބިމީހާ ދިން ވަރުގަދަ ފިލާވަޅު!

ބައްޕަ ނިޔާވުމުގެ ކުރިން އޭނާގެ ތަނަވަސްކަމުން ބޮޑުބައެއް އަންހެން ދަރިފުޅަށް ދިނެވެ. އެއީ ފިރިހެން ދަރިފުޅު އޭނާގެ ކޮއްކޮއަށް ޙައްޤު މިންވަރު ނުދީފާނެތީއެވެ. ކުރީ އެންމެ ވަޞިއްޔަތެކެވެ. "ދަރިފުޅާއެވެ!

ފިރިމީހާދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް މުދަލާއި ފައިސާގެ ބާރުތައް އޭނާގެ އަތްމައްޗަށް ދޫކޮސްނުލާށެވެ! އެއީ ދޫކޮށްލައިފިނަމަ އަނބުރާ ހޯދޭނެ އެއްޗެއްސެއް ނޫނެވެ. ދަރިފުޅަށް ޖެހޭނީ ނިކަމެތިވާށެވެ." ދަރިފުޅު އުޅުނީ އެކަމަށް ވިސްނައިގެންނެވެ.  

ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބުންވީ މައިދައިތަ އެންމެ ބޮޑަށް ކަންބޮޑުވާ ކަންތަކަށެވެ. ދަރިފުޅަށް ކުރަމުންދިއަ ޕްރެޝަރު ބޮޑުވުމުން ސިއްރު ކައިވެންޏެއް ކުރިއެވެ. އޭނާ ބަލިވެއިނުމާއިއެކު ފިރިމީހާ މަސައްކަތްފެށީ ވިޔަފާރިއާއި ގެދޮރު އޭނާގެ ނަމަށް ބަދަލުކުރުމަށެވެ. އެކަން އަނބިމީހާއަށް އެނގުނީ ފިރިމީހާ އޭނާގެ މަންމައަށް އެވާހަކަތައް ކިޔައިދިން އަޑުއިވުމުންނެވެ. އަނބިމީހާގެ މުދަލުގެ މައްޗަށް ވެރިވެވެންދެން އަނބިމީހާ ދެރަވާނެ ބަސްތައް ނުބުނުމަށްވެސް އެދުނެވެ.

އަނބިމީހާއަށް އެކަން އެނގުނު ކަމަކަށް ނުހަދައެވެ. ފަތިހު ތެދުވެ ފަތިސްނަމާދުކޮށްގެން ދިއައީ އޮފީހަށެވެ. ދަމުން ގޭގައި ގެންގުޅޭ މީހުންނަށް އެންގީ ފިރިމީހާ ތެދުވެ ގެއިން ނުކުތުމަށްފަހު އެނބުރި އައިސް ގެއަށް ވަންނަން އުޅުނަސް ނުވެއްދުމަށެވެ. ހެނދުނު އޮފީހުގެ މުވައްޒިފުން ނުކުތުމުން އެމީހުންނަށް އެންގީ ފިރިމީހާ އައުމުން އޮފީހަށް ނުވެއްދުމަށެވެ.  

ފިރިމީހާ އާދައިގެ މަތިން ހޭލައި އޮފީހަށްދާން ބެލިއިރު ކާރެއް ނެތެވެ. އަނބިމީހާ ކޮބައިތޯ ބެލިއިރު އަނބިމިހާއެއް ނެތެވެ. ހީކުރީނ އަނބިމީހާ ތަނަކަށްދާންވެގެން ނިދާފައި އޮތީމާ ނުބުނެ ދިއައީ ކަމަށެވެ. އެެހންވެ ސައިކަލުގައި ގޮސް ޕާކުކޮށްފައި އޮފީހަށް ވަންނަން އުޅުމުން މުވައްޒިފުން ބުނީ އޮފީހަށް ނުވެއްދުމަށް މެޑަމް އަމުރުކޮށްފައިވާ ކަމަށެވެ. ފޯނަށް ގުޅައިގުޅައިވެސް ނުނެގުމުން ދިއައީ ގެއަށެވެ. ގެއަށް ގޮސް ދޮރުހުޅުވަން މަސައްކަތްކުރިއިރު ތަޅުގެ ޕާސްވޯޑްހުރީ ބަދަލުކޮށްފައެވެ. ބެލްޖެހުމުން ނޯކަރުން ސްޕީކަރުން ބުނީ ގެއަށް ވެއްދުން މެދަމް މަނާކޮށްފައިވާ ކަމަށެވެ.  

ދެން އަވަސްއަވަހަށް ދިއައީ ކޭޝްކާޑުން ފައިސާނެގޭތޯއެވެ. ބެލިއިރު އަތުގައި އޮތް 3 ކާޑުވެސް ވަނީ ބްލޮކްކޮށްލާފައެވެ. ދެން ދިއައީ އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާގެ ގާތަށެވެ. ގޮސް ވާހަކަތައް ކިޔައިދީފައި އަނބިމީހާއަށް ގުޅައިދިނުމަށް އެދުމުން ގުޅީމާ ނަގައި ފިރިމީހާގެ ވާހަކަ ފަށާއިރަށް ބުނީ އިތުރު އެއްވެސް ވާހަކައެއް ނުދައްކައި ވަރިކުރާއިރަށް ހަދިޔާއަކަށް މިމަހު އުޅެލެވޭވަރަށް ފައިސާކޮޅެއް ދޭނެކަމަށެވެ. ފަހުން ގުޅަން ބުނެފައި ފޯނު ބޭއްވީއެވެ.  

ދެން ދިއައީ މަންމަގެ ގާތަށެވެ. މަންމަ ވަރަށް ދެރަވެފައި ބުންޏެވެ. "ދެންމެ މަންމައަށް ފޯނުކުރިއެވެ. މަންމަ ބޭނުންވި ކަންތައް ދަރިފުޅުކޮށްދީފި ކަމަށްބުނެ ލިބެން އުޅޭ މާމަދަރިފުޅު ގޮވައިގެން އުފަލުގައި އުޅެން ބުނެފައި ފޯނުކަނޑައިލީއެވެ. މަންމައަށް ހީވަނީ ރޭގައި ދަރިފުޅު މަންމަ ގާތުގައި ދެއްކި ވާހަކަތަކުގެ އަޑުއިވުނީހެންނެވެ."  

ބުނާނެ އެއްޗެއްވެސް ދަރިފުޅަކަށް ނުއެނގުނެވެ. ފަޤީރު ޙާލުގައި ހުއްޓާ ކައިވެނިކޮށް ތަނަވަސް ދިރިއުޅުމަކަށް މަގުފަހިކޮށްދިން ހެޔޮލަފާ އަނބިމީހާ ގެއްލުނީއެވެ. ދެން ދުވަހަކުވެސް ބައްދަލެއްވެސް ނުކުރާނެއެވެ. މަންމައެއްގެ ގޮތުގައި ބަލައި މަންމައަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ނިމުނީއެވެ. ހުރިހާ ކަމެއް ބަދަލުގައި ލިބުނީ އަންބަކާއި ދަރިއެކެވެ. ހުސްއަތާ ގޮސްފިނަމަ އެގެއަށް ނުވައްދާނެކަންވެސް އެނގެއެވެ. ހުރިހާ ގޮތަކުން ހަތަރު އުދަރެސް ފެނުޖެހުނީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިބާވަތުގެ ފިރިން ވަރަށް ގިނަވެއްޖެއެވެ. އެހެންވެ މިހާ ސްމާޓް އަނބިންނަށް ވެގެން ނޫނީ ސަލާމަތްކަމެއް ނުލިބޭނެއެވެ.   

- ސިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

 

 

މިއަދު އޮންލައިން