ޚުޠުބާ: ކޮރަޕްޝަނަކީ ރިޝްވަތުގެ ގޮތުގައި ދިނަސް ހިފިޔަސް އެއީ ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލައްވަވާނެ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 45ސ
ޚުޠުބާ: ކޮރަޕްޝަނަކީ ރިޝްވަތުގެ ގޮތުގައި ދިނަސް ހިފިޔަސް އެއީ ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލައްވަވާނެ ކަމެއް!

މުސްލިމް އަޚުންނޭވެ! ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެކެވެ. ތިމާއާ ޙަވާލުވެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ، އެއާމެދު ތިމާއާ ސުވާލުވެވޭނޭ އަމާނާތެކެވެ. ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށްޓަކައި ބޭނުންކުރުމަކީ، ޚިޔާނަތްތެރި ޢަމަލެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.[1]

--- މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނަތްތެރިނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގި ތިބެ ތިޔަބައިމީހުން ޚިޔާނާތްތެރިނުވާށެވެ!" 

މާތް ﷲގެ އަޅުތަކުންނޭވެ! އިންސާނާގެ ފިޠުރަތުގައި އަމާންކަމާއި، ސަލާމަތްތެރިކަމާއި މިނިވަންކަމާއި ޢަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ލައްވައިފައި ވެއެވެ. ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެކެވެ. މިއީ ބިން ފަސާދަކުރާ، ސަލާމަތްބުއްދިއާ ފުށުއަރާ، ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލުތަކެކެވެ. މިއީ އިލާހީ ކޯފާއަށް ހުށަހެޅޭ، ބޮޑުވެގެންވާ ފާފައެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަކުރާ މީހުން ދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." 

މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށްހެދުމަށް ދެވޭ ކޮންމެ އެއްޗެކެވެ. ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެކެވެ. އަބްދު اللّٰه ބުނު ޢަމްރު رَضِيَ اللهُ عَنْهُمَا ރިވާކުރައްވައިފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الرَّاشِي وَالْمُرْتَشِي) މާނައީ: "ރިޝްވަތުދޭ މީހާއާއި ރިޝްވަތުހިފާ މީހާއަށް ރަސޫލުﷲ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ލަޢުނަތްލެއްވިއެވެ."[2]  

މުސްލިމް އަޚުންނޭވެ! ކޮރަޕްޝަނުގެ ނުބައި ޢަމަލުތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރުން، އެއީ ކަންއޮންނަންވީ މަގުކަމުގައި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، މިއީ ނުހަނު ނުރައްކާތެރި ކަމެކެވެ. ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވުމަށާއި، ޒިންމާދާރުކަމާ އެކު ޙައްޤުތައް އަދާކުރުމަށް އަންގަވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنِ اسْتَعْمَلْنَاهُ مِنْكُمْ عَلَى عَمَلٍ، فَكَتَمَنَا مِـخْيَطًا فَمَا فَوْقَهُ، كَانَ غُلُوْلًا يَأْتِيْ بِهِ يَوْمَ الْقِيَامَةِ)[3] މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް ތިމަންކަލޭގެފާނު މަސްއޫލިއްޔަތެއް ޙަވާލުކުރައްވައިފި ނަމަ، ތިނޯހެއްގެ މިންވަރު ނުވަތަ އެއަށް ވުރެ ކުޑަ ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް، ތިމަންކަލޭގެފާނަށް ވަންހަނާކުރި ނަމަވެސް، އެއީ ޚިޔާނާތެކެވެ. ޤިޔާމަތް ދުވަހު އެ ޚިޔާނަތާއިގެން އެ މީހަކު އަންނާނެތެވެ." 

މުސްލިމް އަޚުންނޭވެ! ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ލަޢުނަތް އެ މީހެއްގެ މައްޗަށް ހުއްޓެވެ! އެ ފަދަ މީހަކީ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެކެވެ. ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވެއެވެ. ކޮރަޕްޝަނާއި ރިޝްވަތަކީ، ނާއިންސާފާއި ބިރުވެރިކަން ޢާންމުވެ، ތަރައްޤީއަށް ހުރަސްއެޅޭ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށް ޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!"

މުސްލިމް އަޚުންނޭވެ! ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި، ނަފުސުގެ ދަހިވެތިކަން ހިމެނެއެވެ. އެ މީހެއްގެ ނަފުސު މި ނުބައި އަނދަވަޅަށް ވެއްޓުމުން ސަލާމަތްވާން އެދޭ މީހާ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މި ބަސްފުޅު އަޑުއަހައި އެއިން ޢިބުރަތްލިބިގަންނާށެވެ! އެކަލޭގެފާނު ހަދީޘްކުރައްވައިފައި ވެއެވެ. (لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ،  وَلَـٰكِنَّ الْغِنَى غِنَى النَّفْسِ)[4] މާނައީ: "މުއްސަނދި ކަމަކީ މުދާ ގިނަވުމެއް ނޫނެވެ. އެހެނެއްކަމަކު މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަމެވެ." އިންސާނާއަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭހައި ހިނދަކު މިނިވަނެކެވެ. އެ ސިފަ ހުންނަ މީހާ ޙަރާމް މަންފާއަށް ދަހިވެތިވެ އޭނާގެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކައެއް ނުލާނެއެވެ.  

މުސްލިމް އަޚުންނޭވެ! އަމާނާތްތެރިކަމަކީ މުއުމިނުންގެ އަސާސީ ސިފައެކެވެ. ޚިޔާނާތްތެރިކަމަކީ މުނާފިޤުންގެ ޢަލާމާތެކެވެ. ކޮރަޕްޝަނާއި ރިޝްވަތު ޢާންމުވީ ނަމަވެސް، އެއީ އާދައިގެ ކަމެއްކަމުގައި ދެކި، ހެއްލުންތެރިނުވާށެވެ! އެ ދުވަހަކުން، ތިމާ ފަޟީޙަތްވާނޭ ދުވަހާ މެދު ބިރުވެތިވާށެވެ! މާތް ﷲ އަޅަމެންނީ ނަޒާހަތްތެރި، އަމާނާތްތެރި، ޢަދުލުވެރި ބަޔަކުކަމުގައި ލައްވާށިއެވެ! ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައި ވަބާއިން، އަޅަމެން ރައްކާތެރިކޮށްދެއްވާށިއެވެ! 

މުސްލިމް އަޚުންނޭވެ! ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމަށް އެދޭ ނަމަ، މާތް ﷲ ޙަރާމްކުރައްވައިފައިވާ އެންމެހައި ކަމަކުން ދުރުހެލިވާށެވެ! އަދި ތަޤުވާވެރިވެ، ހެޔޮ ޢަމަލުކުރުންމަތީ ދެމިހުންނާށެވެ! މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ----[5] މާނައީ: "މުއުމިނަކުކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާދެއްވާހުށީމެވެ." ފަހެ ދުނިޔެވީ ޙަޔާތުގެ ބާއްޖަވެރިކަމާއި، އާޚިރަތުގެ ފަލާޙަށް އެދޭ ނަމަ، ކޮރަޕްޝަނާއި ރިޝްވަތުގެ ނޭއްގާނީ ޢަމަލުތަކާ ދުރުހެލިވާށެވެ! މާތް ﷲގެ ކޯފާއާ މެދު ބިރުވެތިވާށެވެ! ތަވާޟުޢުވެރިކަމާއި ނަފުސުގެ ފުދުންތެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާކުރާށެވެ! ފުރިހަމަ މުއުމިނުންނަކީ ކޮންމެ ކަމެއްގައިމެ މާތް ﷲގެ ރުސެވުމަށް އެދޭ މީހުންނެވެ.

މިއަދު އޮންލައިން