ރާއްޖޭގައި އަލަށް ތައާރަފުކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ" މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް ފޮނުވި ފައިސާގެ ޖުމްލަ އަދަދު 100 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ. މިކަން ހާމަކުރެއްވީ ޕޭމަންޓް މޯލްޑިވްސްގެ ސީއޯއޯ އަދި އެކްޓިން ސީއީއޯ މަރިޔަމް ޝަބާ އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަބާ ވިދާޅުވީ، ފަވަރަ މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ އަދަދަށް ބަލާއިރު މި ސިސްޓަމްގެ ކާމިޔާބީ ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ. އެގޮތުން ނިމިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް މި ސިސްޓަމް މެދުވެރިކޮށް 100 ބިލިޔަން ރުފިޔާގެ މުއާމަލާތް ވަނީ ހިންގާފައެވެ.
"އޭޕްރީލް މަހު އަޅުގަނޑުމެން މުޅި ޖުމްލަ މި ހާސިލްކުރީ 100 ބިލިޔަން ރުފިޔާ ފަވަރަ ތުރޫކޮށް މިހާރު މިވަނީ ހިންގާފައި. އޭގެއިތުރުން ޖުމްލަކޮށް 71،000 ޓްރާންސެކްޝަން ކޮންމެ ދުވަހަކު ފަވަރަ މެދުވެރިކޮށް އެބަ ހިންގާ. އޭގެ މާނައަކީ އެއްބޭންކުން އަނެއް ބޭންކަށް އިންސްޓަންޓްލީ މި 100 ބިލިޔަން މިހާތަނަށް އަޅުގަނޑުމެންގެ ފަވަރަ ސިސްޓަމް މެދުވެރިކޮށް މިވަނީ ހިންގާފައޭ،" ޝަބާ ވިދާޅުވިއެވެ.
"ފަވަރަ" ޓްރާންސްފާގެ އެންމެ ބޮޑު އެއް ފައިދާއަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވުމެވެ. މީގެ ކުރިން ބޭންކުތަކުގެ މެދުގައި ފައިސާ ދައުރުވުމަށް ނަގާ ވަގުތު މި ސިސްޓަމާއެކު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
މީގެ އިތުރުން، "ފަވަރަ ރިކުއެސްޓް" މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ބިލް ފޮނުވައިގެން ފައިސާ ހޯދުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.