ދެމަފިރިންވީމާ އެކަކު އަނެކަކަށް އިތުބާރުކުރަންވާނެއެވެ. އަތުގައި އޮތް އެއްޗެއް ދޭންވެސްވީއެވެ. ނަމަވެސް އަނބުރާލިބޭނެކަމަށް ބަލައިގެން ދީފިނަމަ ގިނަފަހަރަށް އޮންނަނީ ދެރަލިބިފައެވެ. މިޙާދިސާއަކީ އެފަދަ ބޮޑު ދެރައެއް ލިބުނު އަންހެނެއްގެ ވާހަކައެވެ.
އަޅުގަނޑަކީ ޢުމުރުން 18 އަހަރު ފުރުނީންސުރެ ވަޒީފާ އަދާކުރާ އަންހެނަކީމެވެ. ފުރަތަމަ ލިބުނު މުސާރައިންވެސް ތިންބައިކުޅަ އެއްބައި ދިނީ މަންމައަށެވެ. ޚަރަދުކުރަނީ ވަރަށް ބަލައިގެންނެވެ. އެހެންވެ ޢުމުރުން 25 އަހަރުވީއިރު އަތުގައި ރަނގަޅު ޢަދަދެއްގެ ފައިސާކޮޅެއް ޖަމާވެފައި ހުއްޓެވެ. އުންމީދުކުރަމުން އައީ އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ކުރަން ފެށުމަށެވެ.
ކައިވެނިކުރީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. މާލީ ގޮތުންވެސް އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ. އޭނާއަކީވެސް ރަނގަޅު މުސާރައެއް ލިބޭ މީހަކަށްވުމުން އިތުބާރުކޮށްފައެވެ.
ކައިވެންޏަށް އަހަރުވީތަނާހެން ފިރިމީހާ ބުނީ އޭނާ ކުރަންފަށަން އުޅޭ މަސައްކަތެއް ފެށުމަށް މާލީ އެހީތެރިކަމެއް ބޭނުންވާކަމަށާއި މަސައްކަތް ފެށުމުން އެފައިސާ އަނބުރައި ދޭނެ ކަމަށެވެ. ފިރިމީހާކަމަށްވުމުން އިތުބާރުކޮށްފައި އަތުގައި ހުރި ފައިސާކޮޅު ދިނީމެވެ.
2 އަހަރުވީއިރުވެސް އަނބުރައި އެންމެ ރުފިޔާއެއްވެސް ނުދިނުމުން ކޮންމެ މަހަކުވެސް ކޮންމެވެސް ވަރެއް ދޭން ބުނުމުން ދޭނެކަމަށް ބުނެފައިވެސް ނުދިނެވެ. އެހެންވެ ކޮންމެ މަހަކުވެސް ހަނދާންކޮށްދޭން ފެށުމުން ބޮލަށް އުނދަގޫކުރަނީކަމަށްބުނެ ވަރިކޮށްލާފައި ދިއައީއެވެ.
ކޯޓަށް މައްސަލަ ހުށަހެޅުމުން އެނގުނު ގޮތުގައި އޭނާގެ އެފަދަ އެތައް މައްސަލަތަކެއް ކޯޓުގައި ނުނިމިވެސް އެބަހުއްޓެވެ. 3 މީހެއްގެ ދަރަނީގެ މައްސަލަ ވަނީ ޘާބިތުވެފައެވެ. ވީމާ ކޯޓުން މައްސަލަ ނިމުނަސް އެންމެ ރުފިޔާއެއްވެސް ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ.
އަޅުގަނޑުގެ ކުށް ޤަބޫލުކުރަމެވެ. އެއީ ފިރިމީހާ ކަމަށް ވުމުން އިތުބާރުކުރެވުނު ކަމެވެ. މިއަދުނޫހުގެ ކިޔުންތެރި އުޚުތުންނަށް ބުނެލަން ބޭނުންވަނީ ފިރިމީހާކަމަށްވީނަމަވެސް މިއަދު މިއޮތީ ފައިސާގެ ކަންކަމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ. ނުވިސްނައިފިނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެކަން އަޅުގަނޑަށް މިވަނީ ތަޖުރިބާކުރެވިފައެވެ. ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކޮށް ޙިއްޞާކޮށްލީއެވެ.
- ޢަޒީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް