އެއީ ޒުވާން ދެމަފިރިންނެވެ. ތަނަވަހެއްވެސް ނޫނެވެ. ނަމަވެސް މީހަކަށް އުނދަގޫނުކޮށް އަމިއްލަ ބޭނުންތައް ފުއްދައިގެން އުޅެވެއެވެ. ދެމަފިރިން އުޅެނީވެސް ވަރަށް ލޯބިންނެވެ.
އަނބިމީހާއަށް ލިބެން ފެށީ މެސެޖުތަކެކެވެ. މެސެޖުކުރަނީ ތަނަވަސް މީހެކެވެ. ބޭނުންވަރަކަށް ފައިސާދޭނެ ކަމަށްވެސް ބުނެއެވެ. އަންހެންމީހާ ބުނަމުން ދިއައީ އޭނާއަކީ މީހެއްގެ އަންތބެއްކަމަށާއި ޚިޔާނާތްތެރި ނުވާނެ ކަމަށެވެ. އެކަމަކުވެސް އެނާ ދިއައީ އުނދަގޫކުރަމުންނެވެ.
އެންމެފަހުން އޭނާ، އޭނާގެ ފިރިމީހާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ދެމީހުން ރާވާފައި އަނބިމީހާ އޭނާއާއި ބައްދަލުކޮށްފާނެ ކަމަށް ބުންޏެވެ. ބައްދަލުކުރަން ދިއައީ މާލޭގެ އަގުބޮޑު ހޮޓަލަކަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު ފައިސާތަކެއް ނަގައި އޭނާގެ އަތަށް ލައިދިނެވެ. އަދި އިތުރަށްވެސް ފައިސާދޭނެ ކަމަށް ބުންޏެވެ.
އެވަޤުތު ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ފިރިމީހާއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާފައި ބުންޏެވެ! "އެކުވެރިޔާއެވެ! ތަނަވަސްކަން ހުރީމާ މީހުންގެ އަނބިންނަށްވެސް ބެލުމެއް ނެތި ތިއައުޅެނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކިތައް މީހުންގެ އަނބިންގެ ބޭނުން މިހާރުކުރެވިއްޖެ ހެއްޔެވެ؟ ތިބާގެ އަނބިމީހާ މިފަދަ ގޮތްގޮތަށް އުޅެން ތިބާ އެއްބަސްވާނަން ހެއްޔެވެ؟ ތިއަ އުޅެނީ ތިބާގެ އަނބިމީހާގެ ކިބައިން ކޮންކަމެއް ނުވެގެން ހެއްޔެވެ؟ ހުރިހާ ކަމެއްވެސް ވާނެއެވެ. ހަމައެކަނި އޮތް މައްސަލައަކީ ތިބާގެ ހިތް ނުފުރުމާއި ވަޙޫޝީކަން ބޮޑުކަމެވެ. އަހުރެމެން ތިބާ ބޭޒާރުކޮށް ފަޟީޙަތްކުރާކަސް ބޭނުމެއް ނޫނެވެ. އެކަމަކު އާދޭސްކޮށްފައި ބުނަމެވެ. ތިއަ ނުބައި ގޮތްގޮތަށް އުޅުން ހުއްޓައިލާށެވެ. ﷲ ދެއްވެވި ތަނަވަސްކަމަށް ޝުިކުރުވެރިވާށެވެ! މާއުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ. ތަނަވަސްކަންވެސް އިތުރުވާނެއެވެ."
އެހެން ބުނެފައި ދެމަފިރިން އެކުގައި ނުކުންނަން އުޅުމުން ހަދިޔާއެއް ކަމަށްބުނެ ފައިސާތަކެއް ދޭން އުޅުމުންވެސް ބޭނުން ނުކޮށް ނުކުމެގެން ދިއައީއެވެ. އެމީހާއަށް ފިލާވަޅެއް ލިބި އިޞްލާޙްވިއެވެ. އެދެމަފިރިންނަކީ ރަޙްމަތްތެރިންކަމަށް ބަލައިގަނެ މިހާރުވެސް އެހީތެރިވެއެވެ. ގާތް ގުޅުމެއް ބާއްވައެވެ.
ބުނެލަން އޮތީ ދަތިޙާލުގައި އުޅުނަސް ކޮންމެ އަންހެނަކީ ފައިސާއަށް ވިކޭނެ އަންހެނެއްކަމަށް ހީނުކުރާށެވެ! ހެޔޮލަފާ އަންހެނުން ދުނިޔެއިން ހުސްވެއްޖެ ކަމަށްވެސް ހީނުކުރާށެވެ! ހަމައެއާއިއެކު ރުޅި އައުމުގެ ބަދަލުގައި ބުއްދި އިސްކުރުމުން އެދެމަފިރިންނަށް ކުރި ބޮޑުފައިދާ ނިކަން ދެކިބަލާށެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ