އެއީ ކިޔަވައިގެން ހުރި އަޚްލާޤް ރަނގަޅު ތަޤްވާވެރި ކުއްޖެކެވެ. ރަށުން މާލެއައީ ފޭސްބުކުން ބައްދަލުވި މީހަކު އޭނާގެ ކުންފުނިން ރަނގަޅު ވަޒީފާއެއް ދޭނެކަމުގެ ޔަޤީންކަން ދިނުމުންނެވެ. އަދި އަންހެނުން ބައިތިއްބާ ގެއެއްގައި ބަހައްޓައިދޭނެކަމަށްވެސް ބުނުމުންނެވެ.
ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ބެހެއްޓީ ދުވަހު ކުއްޔަށް ކޮޓަރިއެއް ހިފައިފައެވެ. ފުރަތަމަރޭވެސް 12 ޖެހިތަނާ އައިސް ޓަކިޖެހުމުން ހުޅުވީމާ އުޅުނީ ކޮޓަރިއަށް ވަދެ އޮށޯންނާށެވެ. އެކަމަށް އެއްބަސްނުވުމުން ކުލި ނުދައްކާނެ ކަމަށްބުނެފައި ދިއައީއެވެ.
އެކަމަށް އޭނާ ކަންބޮޑެއް ނުވެއެވެ. ފާފައެއް ކުރެވުމުން ސަލާމަތްވެވުނީތީ އުފާކުރިއެވެ. އަދި އިނީ ﷲ މަގެއް ދައްކަވާނެ ކަމުގެ ޔަޤީންކަމުގައެވެ. ކަންކަން ދިމާވިގޮތުން ނުނިދުނީމާ ފެށީ ދަމުނަމާދުކުރާށެވެ. އޭނާ ރަށުގައިވެސް ރޭއަޅުކަން ކުރާތީއެވެ.
މާލެއައީ ރަށުން ވަޒީފާއެއް ނުލިބޭތީ ވަޒީފާ އަދާކޮށްގެން މަންމައާއި ކޮއްކޮމެންނަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށެވެ. އަތުގައި އޮތީ އެންމެ ފަސްސަތޭކަ ރުފިޔާއެވެ. ރެއަކަށް 300 ރުފިޔާ ދައްކަން ޖެހެއެވެ. އެރޭގެ ކުލި ދެއްކުނަސް މާދަމާރޭގެ ކުލި ދެއްކޭނެ ގޮތެއް ނެތެވެ.
އަނެއް ދުވަހު ހެނދުނު ތެދުވެގެން ދިއައީ ޕާނެއް ގަންނަން ފިހާރައަކަށެވެ. ޕާންފޮތްޗެއް ކާލައި އިސްކުރުން ފެންފޮދެއް ބޯލައިގެން ހުރުމުގެ ބޭނުމުގައެވެ. ފިހާރައިން ޕާން ގަނެގެން ނުކުންނަން ހިނގައިގަތުމުން ސޭޓު ވާހަކަ ދައްކަން ފެށިއެވެ.
"ކޮއްކޯއެވެ! ބޭބެ މިއުޅެނީ ފިހާރައިގައި އިނދެދޭނެ ކުއްޖަކު ނުވެގެންނެވެ. އެކުވެރިއަކު ވަޒިފާއެއް ހޯދާނަމަ ބޭބެއާއި ބައްދަލުކުރަން ބުނެލާށެވެ. ގޭގައި ބަހައްޓައިދޭނަމެވެ. ކާންބޯން ދޭނަމެވެ. މަހަކު 8000 ރުފިޔާގެ މުސާރައެއްވެސް ދޭނަމެވެ."
ފުރުޞަތު ލިބުމުން އޭނާއަށް ޖެހިފައި ހުރި ޙާލު ކިޔައިދީފައި ވަޒީފާއަށް އެދުނެވެ. ކުއްޖާއަސް ޖެހިފައިހުރި ޙާލަށާއި ރަނގަޅު އަޚްލާޤަށް ބަލައި ވަޒީފާ ދިނެވެ. އެރޭގެ ކުލިވެސް ދައްކައިދިނެވެ.
ކުރުކޮށްލާނަމެވެ. ކުއްޖާގެ ތަޤްވާވެރިކަމާއި އަޚްލާޤަށް ބަލައި ސޭޓުގެ ދަރިފުޅު އޭނާއާއި ކައިވެނިކުރީއެވެ. ދަރިފުޅަކީ ޕައިލެޓެކެވެ. ލިބޭ މުސާރައިން ފުދިގެން އުޅޭ ޒުވާނެކެވެ. ވީމާ ރަނގަޅު ފިރިއަކުވެސް ލިބުނީއެވެ. އެކައިވެންޏަށް މިހާރު 5 އަަހރުވެއްޖެއެވެ. ދަރިއަކުވެސް ލިބިއްޖެއެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ ރަނގަޅު ގޮތުގައި ހުރެ ﷲ އަސް ވަކީލުކުރާ އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަން މިޙާދިސާއިންވެސް އެއޮތީ އެނގޭށެވެ. މާލެގެނެސް އެޙާލުގައި ޖެއްސުވުމުންވެސް ﷲ އަށް ބިރުވެތިވިކަމުގެ އަގު އެލިބުނީ ކިހާފުރިހަމައަށް ހެއްޔެވެ؟
މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަންހެނުންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- ސިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ