މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ޤާއިމުކުރާ ރީހެބިލިޓޭޝަން ނިޒާމަކީ މުޖްތަމަޢުގެ ފުރިހަމަ ބައިވެރިވުމާއެކު، އިސްލާމީ އުސޫލުތަކުގެ މަތިން ހިންގޭ ނިޒާމަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށް ތައްޔާރުކޮށްފައިވާ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި އެންމެ ބޮޑަށް މޫލާފައިވާ އަދި އެންމެ ޒަމާންވީ އެއް މައްސަލަ ކަމަށެވެ. އަދި މި ބޮޑު މައްސަލައަށް ދާއިމީ އަދި ޖުމްލަ ހައްލެއް ގެނައުމަށްޓަކައި މުޅި މުޖްތަމަޢުގެ އެއްބާރުލުން ނުހަނު ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ މި މައްސަލައިގެ އެންމެ އަޑީގައިވާ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ މަތިމަތިން ސުޕަފިޝަލް ގޮތަކަށް ކުޑަކުޑަ ގޮތަކަށް ކަމެއް ކޮށްލައިގެން ވާވަރު ކަމެއް ނޫން. މަސްތުވާތަކެތީގެ މައްސަލަ ޤައުމުން ފޮހެލާ ކަމަށްވަންޏާ ހަޤީޤީ ރޫޓް ކޯޒް (މައްސަލައިގެ އަސްލު) ތަކަށް ދާން ޖެހޭނެ. ދެން އެޔާއެކީ މަސްތުވާތަކެތި އިތުރަށް ފެތުރި މިކަމުގެ ތެރެއަށް ޒުވާނުން ވަންނަ ވަނުން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ. މި ދެންނެވި ގޮތަށް ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޖެހެނީ. އެއީ ސަރުކާރުގެ ސިޔާސަތަކީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި، ފަރުވާ ދޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، އެ ވަބާގައި ޖެހިފައިވާ ފަރާތްތައް އަނބުރާ މުޖްތަމަޢަށް ނެރުމުގައި އިސްލާމީ އަޚްލާޤާއި އުސޫލުތަކަށް އިސްކަންދިނުމަކީ ކާމިޔާބީގެ އަސްލުކަމުގައި ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.