ހއ. ބާރަށުގައި ހުރި އާސާރީ ތަންތަން މިހާރަށްވުރެ ބޮޑަށް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ހާމަކުރައްވައިފިއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށް މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެއްވެސް މެއެވެ.
ބާރަށަށް ވަޑައިގެން އެރަށުގެ ތާރީޚީ ބިނާތައް ބައްލަވައިލެއްވުމަށްފަހު ވަޒީރު ވަނީ ބާރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރިކަ ހިމާޔަތްކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތް ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން، މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ކައުންސިލާއި ރަށުގެ ރައްޔިތުން އެދޭ ގޮތްތަކާއި ޚިޔާލުތައްވެސް ވަޒީރު ހޯއްދެވިއެވެ.
ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ބާރަށުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުންވެސް، އެ ރަށުގައި ހުރި ޒަމާންވީ އެހެނިހެން އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ކައުންސިލްގެ ތަޞައްވުރާއި ރައްޔިތުންގެ ލަފާގެ މަތިން މަސައްކަތްތައް ބައްޓަންކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ތާރީޚީ އަދި ސަޤާފީ ތަރިކަ ދިރުވައި އާލާކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ދަތުރުފުޅެކެވެ.