އަޅުގަނޑުމެން ދެމީހުން ކައިވެނިކުރީ ވަރަށް ޒުވާން ޢުމުރުގައެވެ. ފިރިމީހާއަކީ އަބަދުވެސް ވަރަށް ރަނގަޅު މީހެކެވެ. އަހުރެންނަށް ދޭންޖެހޭ ސަމާލުކަންދެއެވެ. އަޅައިލުމާއި ލޯބިވެސްދެއެވެ. ޚަރަދުވެސް ކުރެއެވެ.
ފިރިމީހާގެ ގާތް އެކުވެރިއަކު އެހީވެދީގެން ފިހާރައެއް ހުޅުވިއެވެ. އަޅުގަނޑަށް އެނގެނީ ހަމައެކަނި ފިހާރަ ހުޅުވިކަމެވެ. އިތުރަށް އެއްވެސް ކަމެއް ނުއެނގެއެވެ. ވަނީ ގެއްލުންކަމެއް ނުވަތަ ފައިދާއެއްކަމެއްވެސް ނުއެނގެއެވެ. މިބުނަނީ އެއްވެސް ވާހަކައެއް ކިޔައިނުދޭވާހަކައެވެ. ކިޔައި ނުދޭތީ ސުވާލެއްވެސް ނުކުރަމެވެ.
ކަންބޮޑުވާންޖެހުނީ ފިރިމިހާއަށް ސްޓްރޯކެއް ޖެހި ރާއްޖެއިން ބޭރަށް ގެންދަން ޖެހުމުންނެވެ. އެއީ މިޒަމާނުގައި އާސަންދައާއި އެހެންވެސް ސަންދަތައް އޮންނަ ޒަމާނެއް ނޫނެވެ. ޖެހޭނީ އަމިއްލައަށް ޚަަރދުކުރާށެވެ. ނޫނީ ސަލާންޖަހާށެވެ.
ފިހާރައިގެ އެކައުންޓް ބެލިއިރު އެއްވެސް ފައިސާއެއް ނެތެވެ. ދެން ޖެހުނީ ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށް އަދޭސްކޮށް ސަލާންޖަހާށެވެ. ފިހާރައިގައި ހުރި މުދަލުގައި ސޭލްއަޅުވައި ނުއަގުގައިވެސް ވިއްކީމެވެ. އެވަރުންވެސް ފައިސާ ހަމަނުކުރެވިގެން އުޅެނިކޮށް ފިރިމީހާ ނިޔާވެއްޖެއެވެ. އެއިރު ރާއްޖެއިން އެކަށީގެންވާ ފެންވަރުގެ ފަރުވާ ލިބެން ނެތުމުންނެވެ. ލިބުނު ދެރައިގެ ބޮޑުކަން ބުނެދޭކަށްވެސް ނުއެނގެއެވެ.
ކޮންމެއަކަސް މަރުވިތާ ހަފްތާއެއްފަހުން ބޭންކުން ދިން މަޢުލުމާތުން އެނގުނީ ފިހާރައިގެ އެކައުންޓް ނޫން އެކައުންޓެއްގައި ފިރިމީހާގެ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމެވެ. ނަމަވެސް ފިރިމީހާ ނިޔާވެފައިވުމުން އެފައިސާ ލިބޭނީ މުދަލުގެ މައްސަލަ ކޯޓުން ނިންމުމުންކަމެވެ.
ވިސްނައިލާށެވެ! އެފައިސާ އަތުގައި ހުރިކަން އެނގޭނަމަ އެފައިސާ ނުނެގުނަސް ދަރަނި ދެއްކޭނެ ކަމުގެ ޔަޤީންކަން އޮތުމުން ޖެހިލުމެއް ނެތި ދަރަންޏަސްވެސް ފައިސާހޯދުނީހެވެ. އަދި އެހެން ގޮތްގޮތުންވެސް ފައިސާ ހޯދުނީހެވެ. އެފުރުޞަތު ގެއްލުނީ އެކަން އަޅުގަނދަށްވެސް ސިއްރުކޮށްފައި އޮތުމުންނެވެ. އޭނާގެ މައިންބަފައިންނަށްވެސް ސިއްރުކުރީމައެވެ. އެކަމުގެ ނަތީޖާޢަކަށްވީ އަތުގައި ފައިސާހުރެމެ ފަރުވާނުކުރެވި ދުނިޔެއާއިވަކިވާންޖެހުމެވެ.
ފިރިމީހާއަށް ކަންކަން ދިމާވިގޮތް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ފިރިމީހާ ކުސްވެރިކުރާކަށް ނޫނެވެ. އެފަދަ ކުށެއް ނުކުރަން އިލްތިމާސްކޮށް ހޭލުންތެރިކުރުވުމަށެވެ. އެކަމުން ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ.
--ޝަކީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް