އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ނިއުމަޓިކް ބްލަޑް ޓްރާންސްޕޯޓޭޝަން ސިސްޓަމެއް ހޯދަން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ނިއުމަޓިކް ބްލަޑް ޓްރާންސްޕޯޓޭޝަން ސިސްޓަމެއް ހޯދަން އިއުލާންކޮށްފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި "ޕޮއިންޓް-ޓު-ޕޮއިންޓް ބްލަޑް ސާމްޕަލް ޓްރާންސްޕޮޓޭޝަން ސިސްޓަމް" ނުވަތަ ނިއުމަޓިކް ބްލަޑް ޓްރާންސްޕޯޓޭޝަން ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިމަހުގެ 2 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތަކީ އައިޖީއެމްއެޗްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ބީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 5 ޖުލައި 2026 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓުގެ ބިޑު ހުށަހެޅުން ކުރިއަށްދާނީ ފިނޭންސް މިނިސްޓްރީގެ އޮންލައިން "ބީލަން ޕޯޓަލް" މެދުވެރިކޮށެވެ. އެހެންކަމުން ބީލަންވެރިން އެ ޕޯޓަލްގައި ރަޖިސްޓަރީވެ، ފުރިހަމަކުރަންޖެހޭ ކަންކަން ނިންމުމަކީ ބީލަންވެރިންގެ ޒިންމާއެއް ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 ދުވަސް ކުރިން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑުތައް ފިޔަވައި އެހެން އެއްވެސް ގޮތަކަށް ހުށަހަޅާ ބިޑުތައް ބަލައިނުގަންނާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު އޮންލައިން