އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާރޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްޞަކޮށްގެން އައިޖީއެމްއެޗުގައި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 1 ޖުލައި 2016 ގައެވެ. މި އަހަރަކީ އެ ސެންޓަރުގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓް އުފެދިގެން އައިގޮތާއި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މި ޚިދުމަތް ފުޅާވެ، ތަރައްޤީވަމުން އައިސްފައިވާ ގޮތުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ. ވަސީލަތްތަކާއި އިންސާނީ ބިނާގެ ގޮތުން ސެންޓަރަށް އައިސްފައިވާ ކުރިއެރުންތައް މި ރަސްމިއްޔާތުގައި ފާހަގަކުރިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްފައެވެ. އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރަކީ ރާއްޖޭގައި ހިތުގެ ބަލިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފަރުވާދެމުން އަންނަ މަރުކަޒެވެ. މި ސެންޓަރު މެދުވެރިކޮށް ހިތުގެ ތަފާތު އޮޕަރޭޝަންތަކާއި، އެންޖިއޯގްރަފީ އަދި އެންޖިއޯޕްލާސްޓީ ފަދަ މުހިންމު ފަރުވާތައް ދަނީ ފޯރުކޮށްދެމުންނެވެ.