ނޭޝަނަލް ކާޑިއެކް ސެންޓަރަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންދާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއް މަރުކަޒު ކަމަށް އެ ގްރޫޕުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސީއީއޯ ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން އެތަނަކީ ނަމޫނާ މަސައްކަތްތަކެއް ކުރަމުންދާ ތަނެއް ކަމަށެވެ. އަދި އެ ސެންޓަރުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އާންމުންގެ ބޮޑު އިތުބާރެއް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން ރާއްޖޭގެ ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގައި ތިބެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެފައިވުމަކީ ބަލިމީހުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ހިތުގެ ފަރުވާ ފަށާ، އެ ފަރުވާ އިތުރަށް ފުޅާކުރުމަށް ކުރީ އިޖާބީ މަސައްކަތެއް. މިއީ، ފަޚުރުވެރިވާންޖެހޭ ފަދަ ނަތީޖާއެއް. މިއީ، ރައްޔިތުންނަށް ލިބުނު އަގު ނުކުރެވޭ ފަދަ ހަދިޔާއެއް،" ރައްޒާޤު ވިދާޅުވިއެވެ.
ސީއީއޯގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެ ސެންޓަރުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި، ކުރިމަގަށްވެސް މުހިންމު އަމާޒުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ ނިސްބަތް ދަށްކުރެވިފައިވާ ކަމަށާއި، މި ދާއިރާއިން ޤާބިލް ދިވެހިން ބިނާކުރުމުގައި އެ ސެންޓަރުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ނޭޝަނަލް ކާޑިއެކް ސެންޓަރު ޑރ.މުޙައްމަދު ޝަނީޒް ނަޖުމީ ވިދާޅުވީ، 10 އަހަރުގެ ތެރޭގައި ދިވެހީންގެ އިތުބާރު ހޯދާ ވަރަށް މަދު ޚިދުމަތެއް ފިޔަވާ ހިތުގެ ބަލިތަކާއި ގުޅިފައިވާ ހުރިހާ ޚިދުމަތްތަކެއް ކާޑިއެކް ސެންޓަރުން މިހާރު ދެމުންދާ ކަމަށެވެ.
"10 އަހަރު ސެންޓަރަށްވީމަ އަޅުގަނޑުމެން މެނޭޖްމަންޓުގެ އެހީއާއެކު މިނިންމީ އިތުރު ހަރުފަތަކަށް ޖެހިލަން. މިގޮތުން މީގެކުރިން ވަރަށް ބޮޑަށް ޕޭޝަންޓުންގެ ފަރުވާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިފައި ހުރީ. މިހާރު އަޅުގަނޑުމެން މަސައްކަތް މިފެށީ ސިސްޓަމް އިތުރަށް ވަރުގަދަކުރަން. ކާޑިއޮލޮޖީ ޕިރަމިޑަށް ބަލާއިރު އަޅުގަނޑުމެން ތިބީ ލެވެލް 3 ގައި. މިހާރު ސިސްޓަމް ބިލްޑިންގއާއެކު އަޅުގަނޑުމެން މިޖެހިލަނީ ލެވެލް 4 އަށް." ޑރ.ޝަނީޒު ވިދާޅުވިއެވެ.