މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަންޖެހޭ ޝީޓްޕައިލް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީން ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ ޝީޓްޕައިލް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ސައްތައަކުން ސައްތަ ނިމިފައެވެ. މިއީ މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، މަގުގެ ސެގްމަންޓް 4 އަދި 5 އެއްގެ ސަބް-ބޭސް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތް 7 ޖުލައި 2026 ގައި ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި ކީ-ވޯލް ކެޕިންގ ކޮންކްރީޓްގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިއީ މި މަޝްރޫޢު ނިންމުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރާއި ބަނދަރުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މަސައްކަތް ނިމުމުން، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.