ބައިވެރިޔާ ފާރަވެރިވާނަމަ އެކަމަށް އޮތީ އުފާކުރުމެވެ. ގިނަ ބައިވެރިން ފާރަވެރިވަނީ ޝައްކުކުރާތީއެއް ނޫނެވެ. ލޯބިވާވަރުން އަނެކާ ގެއްލިދާނެތީއެވެ.
ތެދުވެރި ލޯބިވާނަމަ އެއީ ހިތުގައި ޒާތެއްގެ ޙަސަދަވެރިކަމެއްވެސް އުފެދޭ ކަމެކެވެ. ތުހުމަތުތަކެއްވެސް ކުރެވޭ ކަމެކެވެ. ހަސަދަވެރިކަން ކަމަށް މިބުނަނީ ނުބައި ޙަސަދައިގެ ވާހަކައެއް ނޫނެވެ. ބައިވެރިޔާގެ ކިބައިން ލޯބި ބޭނުންވާ މިންވަރު ބޮޑުކަމުން ހިތުގައި އުފެދޭ ޙަސަދަވެރިކަމުގެ ވާހަކައެވެ. މިއީ ހަމަ ދެމީހުންނަށްވެސް ކުރިމަތިވާނެ ކަމެކެވެ.
ބައެއް ފަހަރު ދިމާވާ ގޮތަކީ ގާތް އެކުވެރިއަކާއި ބައްދަލުވުމުން ނުވަތަ އެކުވެރިއަކު ގެއަށް އައުމުން އޭނާއަށް އެންމެ ފުރިހަމަ ގޮތުގައި މެހްމާންދާރީ އަދާކުރަން ބޭނުންވާމިންވަރު ބޮޑުކަމުން، ބައިވެރިޔާއަށް ތިމާ ކަންކަންކޮށްދޭ މިންވަރަށްވުރެ މާރަނގަޅަށް ކަންކަން ކޮށްދެވެނީއެވެ. އެކަންކަން އެގޮތަށް ކޮށްދެވެނީ ބައިވެރިޔާއަށްވުރެ އޭނާ ނުވަތަ އެބައަކު މުހިންމުވެގެނެއްވެސް ނޫނެވެ. ހެޔޮކޮށް ހިތުމުގެ ގޮތުންނެވެ.
ނަމަވެސް ދަންނާށެވެ! ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އެއީ ފިރިހެނަކުނަމަ އޭނާއަށް ހެޔޮކޮށް ހިތުމުގައި އަނބިމީހާގެ ޢަމަލުތައް މާމައްޗަށްދާނަމަ ފިރިމީހާގެ ހިތުގައި ހަސަދަވެރިކަން އުފެދެއެވެ. އަދި އަންހެނަކާއިމެދު ފިރިމީހާ އެގޮތަށް ކަންކަންކުރާނަމަ އަނބިމީހާގެ ހިތުގައިވެސް ޙަސަދަވެރިކަން އުފެދެއެވެ. އަދި އެކަންކަން އެގޮތަށް ތަކުރާރުވާނަމަ ނުބައި ތުހުމަތުތަކާއި ޝައްކުތައްވެސް ކުރެވެއެވެ. މިކަންކަން ގިނަމީހުންނަކަށް ނުވިސްނެއެވެ.
މިފަދަ ޙާލަތްތަކުގައި އެންމެ ނުބައި ދައުރެއް އަދާކުރާނީ ޝައިޠޯނާއެވެ. ކަންކަން ގޯހުން ގޯހަށް ބަދަލުވެގެންދަނީ ޝައިޠޯނާ ދޭ ނުބައި ވަސްވާސްތަކުގެ ސަބަބުންނެވެ. ވިސްނުވައިދޭ ނުބައި ވިސްނުންތަކުގެ ސަބަބުންނެވެ. ބައިވެރިޔާ އެގޮތަށް ކަންކަން އެކުރަނީ އޭނާދެކެ މާބޮޑަށް ލޯބިވާތީކަން ވިސްނައިދޭތީއެވެ.
މިމައްސަލައިގެ ޙައްލަކީ ދެމަފިރިން އަބަދުވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް ހެޔޮކޮށްހިތުމެވެ. އަނެކާއަށް ޚިދުމަތްކުރުމުގައި ކުރިއަރައިދިއުމެވެ. އަދި ކޮންމެ ޙާލަތެއް ނުވަތަ ސަބަބެއް މެދުވެރިވިނަމަވެސް އެންމެ ބޮޑު ސަމާލުކަމަމެއްދޭ މީހަކީ ބައިވެރިޔާކަން ބައިވެރިޔާއަށް ޢަމަލުތަކުން ދައްކައިދިނުމެވެ. އެކަން އެގޮތަށް ކުރެވޭނީ ހުރިހާ ކަމެއްގައިވެސް އެންމެ ކުރީގައި ބައިވެރިޔާ ބަހައްޓައި ބައިވެރިޔާއަށް ލޯބިދިނުމުގައި ކުރިއަރައިދާން އަބަދުވެސް މަސައްކަތްކުރުމުންނެވެ.
މިބުނެދިން ކަންކަމަށް ވިސްނާނަމަ ދެމަފިރިންގެ ގުޅުމާއި ލޯބި އަބަދުވެސް ދާނީ ކުރިއަރައި އިތުރުވަމުންނެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫސް