އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމަވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވެސް އޮންލައިންކޮށް 24 ގަޑިއިރު ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް، މިހާރު ބޭނުންކުރާ ސިސްޓަމަށްވުރެ ޒަމާނީ އަދި ފެންވަރު ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ބާރުމިނުގައި ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު، 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ދަތުރުފަތުރާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ދަތުރުފަތުރުގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް މިހާރު ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
"މިހާރު ވަންގަވްއާ ހަވާލުކޮށްގެން އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން. އެއްކޮށް އިނގޭތޯ. އެ މަސައްކަތް ކުރިއަށް އެބަދޭ،" ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް ޑިޖިޓަލްވުމަކީ ކިއޫގައި މަޑުކުރަން ނުޖެހި، އަވަސްކަމާއެކު ޚިދުމަތް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.