ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ކިޔާ އިންޖެކްޝަނެއްގެ ފޭކް ބެޗްތަކެއް ފެނުމާ ގުޅިގެން، ރާއްޖެއިން އެކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސަމާލުކަމަށް ގެނެސްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކުރެއްވި ގޮތުގައި، މި ބޭހަކީ އަމިއްލަ މީހަކު އޭނާގެ ފަރުވާއަށް ރާއްޖެއަށް އެތެރެކުރި ބޭހެކެވެ. މި ބޭސް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަށް ގެނައީ، ބޭހުގެ ބޭރު ފުށުން ޝައްކުކުރެވޭ ކަންތައްތަކެއް ފެނިގެން އެމްއެފްޑީއޭއަށް ހުށަހެޅުމާ ގުޅިގެންނެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، މި މައްސަލަ ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައުމުން، އެ އިދާރާއާއި ބޭސް އުފައްދާ އަސްލު ކުންފުންޏާ ގުޅިގެން ކުރި މަސައްކަތުން އެއީ ފޭކް ބޭހެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. ތަޙުޤީޤުން އެނގުނު ގޮތުގައި އެއީ އަސްލު ކުންފުނިން އުފައްދާފައިވާ ބޭހެއް ނޫން ކަމަށާއި، އެއީ ކޮންމެވެސް އެހެން ތަނެއްގައި ބަޔަކު ވަގަށް އުފައްދަމުންދާ ބޭހެކެވެ.
މި މައްސަލައިގައި އިތުރަށް ބެލި ބެލުމުން، މި ފޭކް ބޭސް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކަށްވެސް ފެތުރިފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން މެކްސިކޯއަށްވެސް މި ބޭހުގެ ފޭކް ބެޗްތައް އެތެރެކޮށްފައިވާކަން އެނގިފައިވާ ކަމަށް އެމްއެފްޑީއޭއިން މަޢުލޫމާތު ދެއެވެ.
ރާއްޖެއިން ފެނުނު މި ބޭހުގައި ހިމެނެނީ ކޮން މާއްދާތަކެއްތޯ ދެނެގަތުމަށްޓަކައި، އެ ބޭސް މިހާރު ވަނީ އުފައްދާ އަސްލު ކުންފުނީގެ ލެބޯޓަރީއަށް ތަޙުލީލު ކުރުމަށް ފޮނުވާފައެވެ. މިއީ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިންނާއި އަމިއްލައަށް ބޭސް އެތެރެކުރާއިރު ސަމާލުވާންޖެހޭ ކަމެއްކަން އެމްއެފްޑީއޭއިން ފާހަގަކުރެއެވެ.