ރާއްޖޭގެ ހިތުގެ ފަރުވާގެ ނިޒާމް އިތުރަށް ފުޅާކޮށް، އަތޮޅުތެރޭގެ ޚިދުމަތްތައް ހަރުދަނާކުރުމާއެކު، ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ މުހިންމު ލަނޑުދަނޑިއެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސިއްޙީ ދާއިރާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށެވެ. މިގޮތުން ހިތުގެ ބަލިތަކަށް ފަރުވާދޭ ނިޒާމް މުޅި ރާއްޖެއަށް ފުޅާކުރުމާއި، ޚާއްޞަކޮށް އަތޮޅުތެރޭގައި ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯގެ ވާހަކަފުޅުގައި، ހިތުގެ ފަރުވާ ހޯދާ މީހުން ދެނެގަނެވޭނެ ފަދަ ޤައުމީ ފެންވަރުގެ ދަފްތަރެއް ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތްތައް އިތުރުކޮށް، ކްލިނިކަލް އުސޫލުތައް ހަރުދަނާކުރުމަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޮޑު އިސްކަމެއް ދޭނެ ކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތަސައްވުރަކީ ފަރުވާ އާއިއެކު ތައުލީމާއި ދިރާސާކުރުމާއި އާ އީޖާދުތަކާއި އެކު ބަލިތަކުން ރައްކާތެރިވުމުގައި ވަށާޖެހޭ ނިޒާމެއް ޤާއިމްކުރުން،" ސީއީއޯ ވިދާޅުވިއެވެ.
މި ދާއިރާއިން ބައިނަލްއަޤުވާމީ އިދާރާތަކާ ގުޅުން ބަދަހިކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ރާއްޖޭގެ ސިއްޙީ ނިޒާމަށް ތަޢާރަފްކުރުމަކީ ވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މުހިންމު އަމާޒެއްކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްޙީ ދާއިރާއަށް ގެންނަވަމުންދާ މިފަދަ ބަދަލުތަކުގެ ސަބަބުން، ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ލުއިފަސޭހަވެ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.