ބައިވެރިޔާގެ ކިބައިން ހިތް ނުއެދޭ ބައެއް ކަންކަން ފެނުނަސް ދަރިން ލިބިފައިވާނަމަ ޞުލްޙަވެރިކަމުގަ އުޅެން މަސައްކަތްކުރުމަކީ ވަރަށް ގިނަ ޘަވާބު ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ބައިވެރިޔާގެ ކިބައިން ހިތް ނުއެދޭ ބައެއް ކަންކަން
ފެނުނަސް ދަރިން ލިބިފައިވާނަމަ ޞުލްޙަވެރިކަމުގަ އުޅެން މަސައްކަތްކުރުމަކީ
ވަރަށް ގިނަ ޘަވާބު ދެއްވަވާނެ ކަމެއް! އިން ޝާ ﷲ

މިރޭ ދައްކާލަން މިއުޅެނީ އައު ވާހަކަތަކަކަށް

ނުވެދާނެއެވެ. ބުނަން އޮތީ ކިތަންމެ ބައު ނަމަވެސް މިކަންކަމަށް ސަމާލުކަން ނުދެވި ދުނިޔެވެސް އަދި އާޚިރަތްވެސް ޙާޞިލްކުރަން ފަސޭހައެއް ނުވާނެކަމެއްގެ ވާހަކައެވެ. 

ވިސްނުމަށް ގެންނާށެވެ! ކައިވެނީގައި ދަރިއަކު ނުވަތަ ދަރިންތަކެއް ވަނީ ލިބިފައެވެ. ދެމަފިރިން އެކުގައި ދިރިއުޅެން ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. ކައިވެނި ރޫޅާލުމުން މާއުފާވެރި ޙަޔާތެއް ލިބުމުގެ އުންމީދުވެސް އެބައޮތެވެ. އެމަގުވެން އޮތީ ފެންނާށެވެ. ނަމަވެސް ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރަން ﷲ ތަޢާލާ އަންގަވާފައިވާތީ އެކަންކުރުމަށްޓަކައި އަދި ދެމަފިރިން ވަކިވެއްޖެ ނަމަ އެކަން ނުކުރެވޭނެތީ ދެމަފިރިން އެކުގައި ދިރިއުޅެނީއެވެ.  

އަމިއްލަ އުފާތައް ޤުރްބާންކޮށްފައެވެ. އަދި ދެމަފިރިން އެކުގައި ދިރިއުޅެނީ އަނެކާގެ ޙައްޤުތައްވެސް އަދާކުރަމުންނެވެ. ރުޅިވެރިކަމެއް ނެތިއެވެ. ލޯބިނުވިނަމަވެސް އެކަންވެސް ހާމަނުކޮށެވެ. ރަނގަޅު ގޮތުގައި އެކުވެރިކަން ބާއްވައިގެންނެވެ. އެހެންކަމަށްވާނަމަ އެއަށްވުރެ ބޮޑު ޤުރްބާނީ ކޮބައިހެއްޔެވެ؟  

ކައިވެނި ކުރަނީ ހިތްހަމަޖެހިގެން ތިބެއެވެ. ދަރިން ހޯދަނީ ވެސް ހިތްހަމަޖެހިގެން ތިބެއެވެ. 4،5 ދަރިން ލިބޭ ފަހުން ކޮންމެވެސް އެކަކު ބަހަނާތަކެއް ދައްކާފައި ކުދިންކޮޅު އެބަ ނިކަމެތިކޮށްލައެވެ. މައިންބަފައިން ދުނިޔޭގައި ތިބެމެ އެކުދިންކޮޅު އެބަ ޔަތީމުކޮށްލައެވެ. އެކުދިންގެ އެއްވެސް ކުށަކާއި ނުލައެވެ. ދެމަފިރިންކުރެ ކޮންމެވެސް އެކަކަށް ކޮންމެވެސް މޮޅު ގޮތެއް ފެނިގެންނެވެ.

ބައެއް ޙާލަތްތަކުގައި ދެމަފިރިން ވަކިވުމަށްފަހު ދަރިން އެބަ ފޮރުވައެވެ. މިބުނަނީ އެކަކަށް ދަރިން ނުވެސް ދައްކާ ވާހަކައެވެ. ބައްދަލު ކުރިއަވެސް ނުދޭ ވާހަކައެވެ. މިކަމުގައި ފިރިހެނުން ނުވަތަ އަންހެނުން ކުށްވެރިކުރާކަށް ނެތީމެވެ. ދެމީހުންވެސް އެފަދަ ކަންކަން ކުރާތީއެވެ. މައްސަލައަކީ އެހިސާބުން ދަރިންނަށް މަންމަ ނުވަތަ ބައްޕަ ގެއްލިގެންދާ ކަމެވެ. އެކަމުން މަންމަ ނުވަތަ ބައްޕައަށް ހިތްހަމަޖެހުން ލިބިދާނެއެވެ. ނަމަވެސް ކުދިންނަށް ލިބެމުންދާނީ އަނިޔާއެވެ. އެފަދަ އަނިޔާގެ ސަބަބުން މާޔޫސް ބަލި ޖެހޭ ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ކައިވެނިކޮށް ދަރިން ލިބުމުން ދެމަފިރިން ވަކިވުމަކީ ދެން ހެދޭނެ އެހެން ގޮތެއް ނެތިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހިސާބުން ބަލަން ޖެހޭނީ ތިމާމެންގެ އަމިއްލަ އުފާތަކަކަށް ނޫނެވެ. ދަރިންގެ އުފާތަކަށެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުނު ނަމަވެސް ދަރިންގެ ޙައްޤު ކުރިއަށް ނެރެ ދެމަފިރިން ވަކި ނުވެ އެކުގައި އުޅެވޭތޯ ބެލުމަކީ ކުރެވޭ ވަރަށް މަތިވެރި ޖިހާދެްކަމަށްވެސް ބައެއް ޢިލްމުވެރިން ސިފަކުރައްވަވައެވެ. އެ ކަމުގެ މޭވާ ވެސް ހަމަ އެހައި ފޮނިވާނެއކަމަށްވެސް ބަޔާންކުރައްވައެވެ.  

މީގައި ވިސްނަން ޖެހޭ ކަމަކީ ދަރިން ލިބޭ ފަހުން ވެސް މާ ލޯބި ލޯބިވެރިއަކު ފެނިގެން ދެމަފިރިން ވަކިވާކަމެވެ. އަހަރެންނަށް އެނގުނު ގޮތުގައި ވަރިވާ މީހުންގެ 80 އިންސައްތަ ވަރިވެފައިވަނީ ކޮންމެވެސް އެކަކަށް މާވަރުގަދަ ލޯބިވެރިއަކު ފެނިގެންނެވެ. ވަކިވުމުގެ ބަހަނާއަކަށް ކޮންމެ ކަމެއް ދެއްކި ނަމަވެސް ފޮރުވިފައި އޮންނަ ބޮޑު ސިއްރަކީ މާވަރުގަދަ ލޯބިވެރިއަކު ފެނުން ކަމަށެވެ.

ނިކަން ވިސްނައިބަލާށެވެ! ކައިވެންޏަށް ދަރިން ލިބުމުން ދަރިންގެ ލޯތްބަށްވުރެ މުހިންމުވާނެ ލޯތްބެއް އޮންނާނެ ހެއްޔެވެ؟ ޤްރްބާން ވާންވީ ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކޮށް އެކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދީގެން އެކުދިންގެ ލޯބި ހޯދަން ނޫން ހެއްޔެވެ؟ އެދަރިންނަށްވުރެ ތިމާ ދެކެ ލޯބިވާނެ މީހަކު ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟

ޚާއްޞަކޮށް ބައްޕައިން މިކަމަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބަލަދުވެރި ބެލެނިވެރިއަކީ ބައްޕަ ކަމަށްވުމުންނެވެ. ދަރިން ދޫކޮށްލާފައި ދިއުމުން އެދަރިންނަށް ލިބޭ ކޮންމެ ނިކަމެތިކަމެއްގެ ޒިންމާ އުފުލަންޖެހޭނެ މީހަކީ ބައްޕަ ކަމުގައިވާތީއެވެ. އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަކީ ދެމަފިރިންގެ ޒިންމާއެއް ނަމަވެސް އެކަމުގައިވެސް އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނީ ބައްޕައަށް ކަމުގައިވާތީއެވެ.

ކޮންމެއަކަސް ދެމަފިރިންނަށް އެކުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން ވަކިވި ނަމަވެސް، އަދި ދަރިން ބެލުމާއި ހަވާލުވީ ކޮންމެ މީހަކު ނަމަވެސް ދަރިން ނުފޮރުވާށެވެ! މަންމަ ނުވަތަ ބައްޕަގެ ލޯބިން ދަރިން މަޙްރޫމް ނުކުރުވާށެވެ! އެކަމުން ދަރިންނަށް ލިބޭ އަނިޔާގެ ބަދަލެއް ނުދެވޭނެއެވެ. ކުދިން ކުޑަ ނަމަ މަންމަ ނުވަތަ ބައްޕަ ދައްކާ ވާހަކަ އެވަގުތު ޤަބޫލުކޮށް އެކަކަށް ނަފްރަތުވެސް ކޮށްފާނެއެވެ. ނަމަވެސް އެކުދިންނަށް ތަންދޮރު އޮޅުންފިލައި ހަޤީޤަތް އެނގޭ ދުވަހު ކުރިން ކުރި ނަފުރަތު އެނބުރި ތިމާއަށް ރައްދުވުން އޮންނާނީ ދާދިގާތުގައެވެ. އެއީ ގިނަ ބައަކަށް އަބަދުވެސް ކުރަން ޖެހިފައި އޮންނަ ވަރަށް ހިތި ތަޖުރިބާއެކެވެ.

ދެދުނިޔޭގައިވެސް ނަތީޖާ ފޮނިވާނެ ކަމަށް ބުނި ސަބަބުވެސް ހާމަކޮށްލާނަމެވެ. ކިތަންމެ ބޮޑު ޤުރްބާނީއެއްވެގެން ނަމަވެސް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވިއްޖެނަމަ ދަރިންގެ ކިބައިން ދުނިޔޭގައި އުފާވެރިކަން ލިބޭނެއެވެ. އަދި މަރުވުމަށްފަހުގައިވެސް އެކުދިންގެ ހެޔޮ ދުޢާއިން އާޚިރަތް ބާއްޖަވެރިވާނެއެވެ. އަދި އެކަމަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވަވާނެތެވެ. އިން ޝާ ﷲ  

-އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން