މިއޮތީ ޝައިޠޯނާއާ ދުރުވާން އުޅުނަސް ފަހަތުން އަޅައިގަނެ އުނދަގޫކުރާނަމަ އެންމެ ފަސޭހައިން ފައްސަލައިލެވޭނެ ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
މިއޮތީ ޝައިޠޯނާއާ ދުރުވާން އުޅުނަސް
ފަހަތުން އަޅައިގަނެ އުނދަގޫކުރާނަމަ އެންމެ ފަސޭހައިން ފައްސަލައިލެވޭނެ ގޮތެއް!


ފާފަކުރެވޭތީ ކަންބޮޑުވަނީހެއްޔެވެ؟

އެކަމަށް އޮތް ޙައްލު މިއޮތީ ޤުރްއާނުން ފެންނާށެވެ! ހަމައެކަނި މިބަޔާންކުރާ 2 އާޔަތުންވެސް ތިބާއަށް ހިތްހަމަޖެހުން ލިބޭނެއެވެ. އިންޝާ ﷲ  

"އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބް ނަމާދާއި، ޢިޝާ ނަމާދު ޤާއިމް ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ." (އަލްއިސްރާ: 78)

"އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް ވަޢުޡް އާއި ނަޞޭޙަތެކެވެ." (ހޫދު: 114) 

ހޫދު ސޫރަތުގެ މިއާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ ނަމާދު ޤާއިމުކުރުމަށާއި ނަމާދު ޤާއިމްކުރުމަކީ ކުބައިކަންތައް ނެތިކޮށްލާ ކަމެއްކަމެވެ. ވީމާ އެނގިގެން މިދަނީ ނަމާދު ޤާއިމުކުރުމަކީ ފާފަތަކުން މީހާއަށް ސަލާމަތްކަން ލިބޭ ކަމެއްކަމެވެ.  

ނަމަވެސް މިވަޙީ ބަސްފުޅުގެ މާނަ އެއްވެސް ޙާލެއްގައި އޮޅުވާލައިގެން ނުވާނެއެވެ. އެގޮތުން އެބަހީ ބޭނުންހައި ފާފަތަކެއް ކުރަމުން ނަމާދުކުރަމުން ގެންދިއައިމާ އަޅައިކަނޑައިލެވޭނެ ކަމެއްކަމަށް އެއްވެސް ޙާލެއްގައި ހީކޮށްގެން ނުވާނެއެވެ.

ފާފަކުރާނަމަ ހިތުގައި ދަމިލަޖަހާނެއެވެ. އެދަމިލަތައް ދަބަރަށް ބަދަލުވެ ހިތުގައި ހަރުލުމުން އެއިން ސަލާމަތްވެވުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. ދޮރުގައި ބޯކޮށް ސަންއެކްސް ތަތްކުރީމާ އިރުގެ އަލިކަން ނުވަންނަފަދައިން ހިތުގައި ދަމިލަ އާއި ދަބަރު ޖެހީމާ އިސްލާމީ ނޫރު ހިތަކަށް ނުވަންނާނެއެވެ. އެހިސާބުން މީހާ ވެގެންދާނީ ގެއްލެނިވެފައިވާ މީހަކަށެވެ.

އެފަދަ ޙާލަތަކަށް މީހާގެ ކަންކަން ދިއުމުން ކުރަންޖެހޭ ގޮތަށް ނަމާދެއްވެސް އަދި އެހެން އަޅުކަމެއްވެސް ނުކުރެވޭނެއެވެ. ނަމާދުގައި ޚުޝޫޢަތްތެރިއެއް ނުވެވޭނެއެވެ. ނަމާދަށް ހުންނައިރުގައިވެސް ހިތުގައި ކުރެހެމުންދާނީ ޝައިޠޯނާ ކުރަހައިދޭ ތަޞްވީރުތަކެވެ. ވިސްނައި ސަމާލުކަންދޭންވީ އެކަމަށެވެ.  

ކިތަންމެ ވަރަކަށް ބަލައިގެން އުޅުނު ނަމަވެސް ކޮންމެ މީހަކަށްވެސް އެނގިގެންނާއި ނުއެނގިހުރެ ކުރެވޭ ކުދިކުދި ފާފަތަކެއް ހުންނާނެއެވެ. ނަމާދު ޤާއިމުކުރުމުން އެފާފަތައް ފުއްސަވައި ދެއްވަވަތެވެ. ޙަދީޘްފުޅުގައި އޮތީ އެއް ނަމާދާއި އަނެއް ނަމާދާއި ދެމެދު ކުރެވޭ ކުދި ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާ ކަމަށެވެ. އެއީ އެކަލާނގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. ޝުކުރުވެރިވެ ފާފަކުރުމާއި ދުރުހެލިވާން މަސައްކަތްކުރާށެވެ. ކުރެވޭ ބޮޑެތި ފާފަތަކަށް އޮތީ ތައުބާވުމެވެ! ވީމާ ސަލާމަތްކަން ބޭނުންމީހާއަށް އެކަމުގެ މަގު މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ!  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން