ހަނދުމަކޮށްލައި މިދެނީ ނަރަކައިން ސަލާމަތްވާން ކުރެވެންއޮތް ކޮންމެ ކަމެއް ކުރުމުގެ މުހިންމުކަމާއި ދުޢާކުރުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތަކެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެންމެ ގިނައިން ދުޢާކުރަނީ ތަނަވަސްކަމާއި އެނޫންވެސް ދުނިޔަވީ ބޭނުންތަކަށް އެދިގެންނެވެ. އެއީ އެކަންކަން ނުފުދިހުރުމުން ދިރިއުޅުމުގައި ދަތިތައް މެދުވެރިވާތީ ކަމަށްވެސް ވެދާނެއެވެ. އެ ވަގުތުން ވަގުތައް ކުރިމަތިވާ ތަކްލީފްތަކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
މުސްލިމުންނަށް އޮތީ ކޮންމެ ކަމަކަށް އެދިގެން ވެސް ދުޢާކުރުމެވެ. ވީމާ ދުނިޔޭގެ ބޭނުންތަކަށް އެދިގެންވެސް ދުޢާކުރާށެވެ. އަދި ދުޢާ ތަކުރާރުކުރަމުން ވެސް ގެންދާށެވެ! ހަމައެކަނި ސަމާލުކަން ދޭންއޮތް ކަމަކީ އާޚިރަތް ދެއްވެވުން އެދި ކުރާ ދުޢާ ގިނަކުރުމެވެ. މިބުނަނީ ދުނިޔޭގެ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ކުރާ ދުޢާއަށްވުރެ އާޚިރަތް ދެއްވެވުން އެދި ކުރާ ދުޢާ ގިނަކުރަންޖެހޭ ވާހަކައެވެ.
އެގޮތަށް ބުނަން ޖެހޭ ސަބަބަކީ ދުނިޔެއިން ކުރަން ބޭނުންވި ކަންކަން ޙާޞިލު ނުކުރެވުނު ނަމަވެސް އާޚިރަތް ދުވަހު ކުރަންޖެހޭނެ ހިތާމައެއް ނެތުމުންނެވެ. އާޚިރަތް ދުވަހު އެކަމަށް ހިތާމަކުރަން ނުޖެހޭނެތީއެވެ. ނަމަވެސް އާޚިރަތް ޙާޞިލު ނުކުރެވިއްޖެ ނަމަ ކުރަން ޖެހޭނެ ހިތާމައަކީ ނިމުމެއް ނެތް ހިތާމައެއްކަން ޤުރްއާނުން އެނގެން އެބަ އޮތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.
ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގޭ ކަމަކީ ނަރަކައިގެ ހޫނުގެ ދިލަ ވައިރޯޅިއެއްހެން ބީހިލާފަށުގައިވެސް އިންސާނަކަށް ކެތް ނުކުރެވޭނެ ކަމެވެ. ވީއިރު ނަރަކައިގެ އަލިފާނުގައި އޮންނަން ޖެހިއްޖެ މީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ވަގުތުކޮޅުގައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ އާޚިރަތް ލިބޭ މީހަކު ކަމުގައި ވެވޭތޯއެވެ! ދުޢާކުރުން އެންމެ ގިނަކުރަންވީވެސް އެކަމަށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން