ފަށަން ބޭނުންވަނީވެސް ލިޔުމުގައި ހިމެނޭ މިއަގުހުރި ނަޞީޙަތުންނެވެ.
" ބަލިވެއިނީ ކައިވެންޏަށް 2 ވަނަ އަހަރުގައެވެ. ވިހަން ވަރަށް ގާތްވެފައި އިންދާ ހުވަފެނުގައި ހަމަ އެ މުސްކުޅިމީހާ ފެނުނެވެ. ބުންޏެވެ. "ދަރިފުޅާއެވެ! ނަމަނަމަ ތަޤްވާވެރިކަމާއި ދުރަށް ނުޖެހޭށެވެ. ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ދަރިފުޅުގެ އަމިއްލަ އުފާތަކަށްވުރެ ބައްޕަގެ އުފާތަކަށް އިސްކަން ދިނުމުން ދަރިފުޅު ބޭނުންވި ކަންތަކާއިއެކު ދަރިފުޅަށްވެސް ތިއަވަނީ ރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވައިފައެވެ. އަދި ދިރިއުޅެމުންދާއިރުވެސް އަމިއްލަ އުފާވެރިކަމަށްވުރެ ބޮޑަށް އެހެން މީހުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާށެވެ! އެއިރުން ދަރިފުޅަށް ބޭނުންވާ އުފާވެރިކަންވެސް ދެއްވަވާނެއެވެ." އެހިސާބުން އަޅުގަނޑަށް ހޭލެވިއްޖެއެވެ."
މިނަޞީޙަތް ފާހަގަކޮށްލީ މައިންބަފައިންނަށް ކަމަށްވިޔަސް ތިމާއަށްވުރެ ހެޔޮ ގޮތެއް އެހެން މީހަކަށް މެދުވެރިވުމަށް އެދޭ މީހުން މަދުކަމުންނެވެ. ތިމާއަށް ހެޔޮގޮތް މިންވަރުކުރެއްވެވުމަށް އެދޭމީހާ، އެހެން މީހުންނަށްވެސް ހެޔޮ ގޮތް މިންވަރުކުރެއްވެވުމަށް އެދެން އޮތް ބަސްފުޅުގެ މަތިން ގިނަ ބައަކު ހަނދާންހުންނަ ކަމަކަށްވެސް ނުވާތީއެވެ.
މިހާރުގެ ޢާންމު ކަންކަމަށްބަލާއިރު ބައިވެރިޔާ މަރުވުމުން އޭނާގެ މަތިން ހަނދާންކުރަނީވެސް މަދުމީހެކެވެ. ގިނަ މީހުން ތިބެނީ ކައިވެނިކުރާނެ ބައިވެރިންތަކެއް ކުރިޔާލައި ހޯދައިގެންނެވެ. ހަމައެކަނި އޮންނަނީ އިޚްތިޔާރުކޮށްލުމެވެ. އެއިގެ އިތުރުން އިސްލާމް ދީނުގައިވާ މަގުން ދަރިން ތަރުބިއްޔަތުކުރުމުގައިވެސް ގިނަ ބެލެމިވެރިން މިވަނީ ފޭލްވެފައެވެ.
ތިރީގައިވާ ވާހަކައަކީ ހަމަ ކޮންމެ ދެމަފިރިއަކަށްވެސް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެ ވާހަކައެކެވެ. ޚާއްޞަކޮށް ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުން ކުރާ ފައިދާއެވެ. އަންހެން ދަރިންކަމުގައިވެފައި ބައްޕައަށް އެކަނި ބލަންޖެހުނަސް ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުކުރުމުން ކުރާ ބޮޑުފައިދާ ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ މަންމަ ދުނިޔެ ދޫކުރީ އަޅުގަނޑުގެ އުމުރުން އެންމެ 6 އަހަރުގައެވެ. މަންމަ ނިޔާވީންސުރެ ބައްޕަ ދިރިއުޅެމުން އައީ މަންމަގެ ހަނދާނުގައެވެ. އެކަނި ސިޓިންގ ރޫމްގައި އިނދެގެން ރޮއިވެސް ހަދައެވެ. އެގޮތަށް އެކަނި އިނދެގެން މަންމައާއި މުޚާޠަބްކޮށް ވާހަކަވެސް ދައްކައެވެ. އެހަނދާންތައް ވަރަށް ރަނގަޅަށް މިހާރުވެސް އެބަހުއްޓެވެ.
ބައްޕަ އަޅުގަނޑާއިމެދު ކަންކަން ކުރަމުން އައީ ވަރަށް ރަނގަޅަށެވެ. އަޅުގަނޑަށް 10 އަހަރުފުރި ކަންކަން ވިސްނެން ފެށިއިރުވެސް ބައްޕަގެ ޢަމަލުތައް ހުންނަނީ އެފަދަ ގޮތަކަށެވެ. ބައްޕަ އަބަދު ދެރަވެ ހިތާމަކުރާތަން ބެލުމަކީ އަޅުގަނޑަށް ކެތްކުރަން ކުޅަދާނަ ކަމަކަށް ނުވެއެވެ. އެހެންވެ ބައްޕަގެ ހިތާމަތަކަށް ލުޔެއް ދެއްވެވުން އެދި ދުޢާކުރަން ފެށީމެވެ. ކޮންމެ ނަމާދަކަށްފަހުގައިވެސް ދުޢާކުރަމުން ގެންދިއައިމެވެ.
އަޅުގަނޑަށް 12 އަހަރު ފުރުނުފަހުން އެއް ރޭ ހުވަފެނުގައި ފެނުނެވެ. ހެދުހެދުމުގައި ހުރި މީހަކު އައިސް ސުވާލުކުރިއެވެ. "ކޮއްކޮ ބޭނުމީ ކޮއްކޮގެ ޙަޔާތަށް ރަނގަޅު ބައިވެރިއެއް ހެއްޔެވެ؟ ތަނަވަސްކަން ހެއްޔެވެ؟ ނޫނީ ބައްޕަ އުފަލުގައި ދިރިއުޅެން ހެއްޔެވެ؟" ޖަވާބުގައި އަޅުގަނޑު ބުނީ އެންމެ ބޮޑަށް ބޭނުންވަނީ ބައްޕައަށް އުފާވެރިކަން ލިބުން ކަމަށެވެ. އެހިސާބުން ހޭލެވިއްޖެއެވެ.
އެއިގެފަހުން 2،3 މަސްތެރޭގައި ބައްޕަ ކައިވެނިކޮށްފިއެވެ. އެއީ ވަރަށް ރަނގަޅު ދޮންމަންމައެކެވެ. އަޅުގަނޑުދެކެވެސް ވަރަށް ލޯބިވެއެވެ. މަންމަ ނެތްތަން ފޫބައްދަން އޭނާއަށް ކުރެވުނުހައި މަސައްކަތެއް ކުރިއެވެ.
ދުވަސްތައް ފާއިތުވަމުން އައިސް އަޅުގަނޑު ބޮޑުވެ 22 އަހަރުގައި ކައިވެނިކުރެވުނެވެ. ކައިވެނިކުރެވުނީ ވަރަށް ހެޔޮލަފާ އަޚްލާޤް ރަނގަޅު، ތަޤްވާވެރި އަދި ތަނަވަސްކަމުގެ ގޮތުން މެދުމިނުގެ މީހަކާއިއެވެ. އެހެންކަމުން އަޅުގަނޑު ވެސް ދިރިއުޅެމުން އައީ ހަމަ ވަރަށް އުފަލުގައެވެ.
ބަލިވެއިނީ ކައިވެންޏަށް 2 ވަނަ އަހަރުގައެވެ. ވިހަން ވަރަށް ގާތްވެފައި އިންދާ ހުވަފެނުގައި ހަމަ އެ މުސްކުޅިމީހާ ފެނުނެވެ. ބުންޏެވެ. "ދަރިފުޅާއެވެ! ނަމަނަމަ ތަޤްވާވެރިކަމާއި ދުރަށް ނުޖެހޭށެވެ. ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ދަރިފުޅުގެ އަމިއްލަ އުފާތަކަށްވުރެ ބައްޕަގެ އުފާތަކަށް އިސްކަން ދިނުމުން ދަރިފުޅު ބޭނުންވި ކަންތަކާއިއެކު ދަރިފުޅަށްވެސް ތިއަވަނީ ރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވައިފައެވެ. އަދި ދިރިއުޅެމުންދާއިރުވެސް އަމިއްލަ އުފާވެރިކަމަށްވުރެ ބޮޑަށް އެހެން މީހުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާށެވެ! އެއިރުން ދަރިފުޅަށް ބޭނުންވާ އުފާވެރިކަންވެސް ދެއްވަވާނެއެވެ." އެހިސާބުން އަޅުގަނޑަށް ހޭލެވިއްޖެއެވެ.
ކޮންމެއަކަސް ދިރިއުޅެމުން މިއަންނަނީ އެ މުސްކުޅި މީހާ ހުވަފެނުގައި ދިން ނަޞޭޙަތާއި އެއްގޮތަށެވެ. މިހާރު މިތިބީ މާމަ ކާފަ ކިޔައިފައެވެ. ދެރަވާންޖެހޭ ކަންކަންވެސް ކޮންމެވެސް ވަރަކަށް ކުރިމަތިވެއެވެ. ނަމަވެސް ދުވަހަކުވެސް ދެރަވެ ކަންބޮޑުވެގެން އުޅެންޖެހޭ ވަރަކަށް ކަންކަމެއް ނުޖެހެއެވެ. ކަންކަން ކުރިމަތިވުމުން ވަކީލްކުރުމުގައި ސާބިތުވަނީއެވެ. އިސާހިތަކު އުފާވެރިކަން ދެއްވަވައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ދިރިއުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ލިބިފައިވާ ދަރިން ތަޤްވާވެރިންގެ ގޮތުގައި ތަރުބިއްޔަތުކުރުން ކަމުގައި ދެކޭށެވެ. އަޅުގަނޑަށް 10 އަހަރުވީއިރު ބައްޕަ ވަނީ އަޅުގަނޑަކީ ފަރުޟު 5 ނަމާދު އަދާކުރާ ދަރިއަކަށް ހަދައިފައެވެ. އަޅުގަނޑަކީ އަންހެންކުއްޖަކަށްވީނަމަވެސް ބައްޕަ އަޅުގަނޑު މިސްކިތަށް ގެންދެއެވެ. އަންހެނުން ނަމާދުކުރާ ބައިގައި ނަމާދުކުރަން ބުނެއެވެ. އަދި ގޭގައި ސުންނަތް ނަމާދުތައް ކުރަނީ ފަހަތުގައި އަޅުގަނޑު ބަހައްޓައިގެންނެވެ. ފަރުޟޫ ނަމާދުގެ ޖަމާޢަތަށް މިސްކިތަށް ނުދެވޭ ޙާލަތުގައި ގޭގައި ނަމާދުކުރި ނަމަވެސް ނަމަވެސް ނަމާދުކުރަނީ އަޅުގަނޑު ގޮވައިގެންނެވެ.
އަޅުގަނޑާއި އަޅާލަން ހަދައިގެން ބައްޕައަށް ދިރިއުޅެން މަސައްކަތްކުރާނެ ވަގު އޮންނަނީ ނުލިބިފައެވެ. ފައިސާއަށްވުރެ ބައްޕަ އިސްކަން ދިނީ އަޅުގަނޑަށެވެ. އެކަމުގެ ހެޔޮ ނަތީޖާ ބައްޕައަށް ދައްކަވައިފިއެވެ. އަދި އަޅުގަނޑަށްވެސްމެއެވެ. ވީމާ އެންމެ މުހިންމު ކަމަކީ ތިމާޢަށްޓަކައި ހެޔޮދުޢާކުރާނެ ދަރިއަކު ތަރުބިއްޔަތުކުރުން ކަމުގައި ދެކޭށެވެ! ދެއްވަވާ ނިޢްމަތްތައް ގުނާ ޢަދަދުވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ
- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް