އެދެމީހުން ލޯބީގެ ގޮތުން ގުޅުނީ 3 އަހަރުކުރިންނެވެ. އެއިރު އެޒުވާނާއަކީ ވަރަށް ޢާދައިގެ ވަޒިފާއެއް އަދާކުރާ ތަނަވަސްކަންކުޑަ ޒުވާނެކެވެ. އެހެންވެ ގިނަ ކުދިން އޭނާއަށް ބަލައިލަންވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އަންހެންކުއްޖާ ބުނީ އެއީ މައްސަލައެއް ނޫންކަމަށާއި ދެމީހުން ކައިވެނިކޮށް ލޯބިން އެކުގައި އުޅެންފެށުމުން ދިރިއުޅެވޭވަރަށް ތަނަވަސްކަން ދެއްވަވާނެކަމަށެވެ.
ޒުވާނާއަށް ލިބުނު ފުރުޞަތެއްގައި މަސައްކަތްކުރަން ބޭރު ޤައުމަކަށް ދެވުނެވެ. ރަނގަޅު މުސާރައެއްވެސް ލިބުނެވެ. 2 އަހަރުވަންދެން މަސައްކަތްކޮށް ލިބުނު ފައިސާ ހިފައިގެން ކައިވެނިކުރަން އައިއިރު ލޯބިވެރިޔާއަށްވަނީ އޭނާގެ ބައްޕަގެ ތަނަވަސްކަމުން ބައެއް ލިބި ތަނަވަސްކަން ލިބިފައެވެ. ނަމަވެސް އެކަން ޒުވާނާއަކަށް ނުއެނގެއެވެ. ޤަބޫލުކޮށްގެން ހުރީ އަދިވެސް ލޯބިވެރިޔާ އުޅެމުން އަންނަނީ ނިކަމެތި ޙާލުގައި ކަމަށެވެ.
ޒުވާނާ ލޯބިވެރިޔާއާއި ބައްދަލުކުރަން ދިއުމުން ފެނުނީ ވަރަށް އަސަރުކުރާ މަންޒަރެކެވެ. އެކްސިޑެންޓެއްވެ ލޯބިވެރިޔާގެ އެއަތްވަނީ ބުރިކޮށްލައިފައެވެ. ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން ބުއްދި އެހައި ރަނގަޅެއް ނޫނެވެ. އިންނަންޖެހެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.
އޭނާގެ މަންމަ ސުވާލުކުރީ މިޙާލުގައި އިންދައިވެސް ކައިވެނިކުރަން ބޭނުންވޭތޯއެވެ؟ ޖަވާބުގައި ޒުވާނާ ބުނީ ދެމީހުންގެ މެދުގައި ވެވިފައިވާ ވަޢުދުތައް އުވާލަން ބޭނުން ނޫން ކަމަށެވެ. މިއީ އޭނާއަށް ޖެހުނު ޙާލެއް ނަމަވެސް ލޯބިވެރިޔާ އޭނާ ދޫކޮށްނުލާނެ ކަމަށެވެ. ވީމާ ކޮންމެ ޙާލެއްގައިވެސް ބޭނުންވަނީ ކައިވެނިކުރަން ކަމަށެވެ.
ކައިވެނިކުރުމުން ކުރިމަތިވާނެ މައްސަލަތަކާއި އުފުލަންޖެހޭނެ ތަކްލީފްތައް މަންމަ ކިޔައިދިނުމުންވެސް ޒުވާނާ ބޭނުންވީ ކައިވެނިކުރާށެވެ. އެހިސާބުން މަންމަ ބުނީ ހުރަސްއަޅާކަށް ނެތިން ކަމަށާއި ކައިވެނީގެ ކަންކަން ހަމަޖެއްސުމަށެވެ.
ކައިވެނީގެ ކަންކަން އަނެރެއަށް ހަމަޖައްސައި ކައިވެނިކުރުމުގެ ރަސްމިއްޔާތަށް ޒުވާނާ ދިއައިރު މަންމަ ޢާއި ލޯބިވެރިޔާއެއް ނެތެވެ. އެދެމައިން ވީ ގޭތެރޭގައެވެ. ދެމައިންގެ އިންތިޒާރުގައި އިންދާ މަންމައާއިއެކު ލޯބިވެރިޔާ އައީ ފުރޮޅުލީ ގޮނޑިގައެވެ. މޭޒުކައިރީގައި އިނީވެސް ގޮނޑީގައެވެ.
ކައިވެނިކޮށް ނިމުމުން މަންމަ ފުރޮޅުލީ ގޮނޑި ދުރަށްޖައްސާލައި ބެންޑޭޖްތައް ނައްޓައިލިއިރު އަތްވެސް އޮތެވެ. ބުއްދިގޯސްކަމުން އިއްޔެ ހިނިތުންނުވި ލޯބިވެރިޔާ ހިނިތުންވެލިއެވެ. އިއްޔެ ޥާހަކަ ނުދެއްކުނު ލޯބިވެރިޔާ އެއްވެސް ދަތިކަމެއް ނެތި ވާހަކަދައްކަން ފެށިއެވެ. ބުންޏެވެ. "ލޮބުވެތި ފިރިމީހާއެވެ. އަހުރެންނަކަށް އެއްވެސް ކަމެއް ނުވެއެވެ. މިކުރީ އިމްތިޙާނެކެވެ. އެޙާލުގައިވެސް ތިބާ އަހުރެންދެކެ ލޯބިވާކަން ޔަޤީންކޮށްލީއެވެ. އެކަން އެގޮތަށް ކުރަންޖެހުނު ސަބަބަކީ ތިބާ ނެތި އަހުރެންނަށްވަނީ ބައްޕަގެ ތަނަވަސްކަމުން ބައެއް ލިބިފައެވެ. އެކަން އެނގުމުން އަހުރެންދެކެ ލޯބިނުވިޔަސް ކައިވެނިކޮށްފާނެތީ އެކަން ޔަޤީންކޮށްލަން ޑްރާމާއެއް ޖެއްސީއެވެ. އަހުރެން ތިބާއަށް އިތުބާރުކުރީމެވެ. މިކުޅުނީ މަންމަ ބޭނުންވެގެން މަންމަ ޑައިރެކްޓަކުރި ފިލްމެކެވެ."
ޒުވާނާ ބުނީ އަހުރެންގެ ބަސް އިއްޔެވާނީ ބުނެފައި ކަމަށެވެ. ކޮންމެ ޙާލެއްގައިވެސް ތިބާއާއި ކައިވެނިކޮށް ޢުމުރު އެކުގައި ހޭދަކުރާނެ ކަމުގެ ޔަޤިންކަން އިއްޔެ އޮންނާނީ ދީފައި ކަމަށެވެ. އިތުރަށް ބުނާނެ ވާހަކައެއް ނެތް ކަމަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ތެދުވެރި ލޯބި ދުނިޔެއިން ހުސްވެއްޖެކަމަށް އެބުނާ ބުނުމަކީ ދޮގެއްލކަން ޔަޤީންކުރެވޭ މިފަދަ ޙާދިސާތައް ދަނީ ހިނގަމުންނެވެ. ވީމާ ލޯބިވެރިޔާއަށާއި ބައިވެރިޔާއަށް މަކަރުހެދުމާ ބޭވަފާތެރިވުމުގެ މައްސަލަތައް ކުރިމަތިވަމުން މިދަނީ ތެދުވެރި ލޯބި ދުނިޔޭގައި ނެތިގެނެއް ނޫނެވެ. މަކަރުވެރިން ގިނަކަމުންނެވެ.
- ސިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ