ޢުމުރުން ދުވަސްވުމުން އަމިއްލަ ޢާއިލާއާއިމެދުވެސް ވިސްނުން ހުއްޓާލައިގެން ނޫނީ އާޚިރަތެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޢުމުރުން ދުވަސްވުމުން އަމިއްލަ ޢާއިލާއާއިމެދުވެސް ވިސްނުން ހުއްޓާލައިގެން ނޫނީ އާޚިރަތެއް ނުލިބޭނެ!

ޢުމުރުން ދުވަސްވުން އަހުރެން މާނަމިކުރަނީ 80، 90 އަހަރުވުމަކަށް ނޫނެވެ. އެހައި ތަނަށް ދުނިޔޭގައި ހުރެވޭނީ ވަރަށް މަދުމީހަކަށެވެ. އެހެންވެ އަހުރެން މާނަކުރާނީ 60 އަހަރަށެވެ. 60 އަހަރުވަންދެން ދުނިޔޭގައި އުޅެވިއްޖެނަމަ ޢާއިލާއަށް ކޮށްދޭންޖެހޭނެ ކަންކަން ހުންނާނީ ކޮށްދެވިފައެވެ. އެއިގެ ފަހުން ކޮށްދެވޭނެ ބޮޑު ކަމެއް މަދުވާނެއެވެ.  

ވީމާ ޢާއިލާއަށް އެހައިތަނަށް ކޮށްނުދެވި ހުރި ކަންކަމާއިމެދު ވިސްނުމަކުން ކުރާނެ މާބޮޑުފައިދާއެއް ނެތެވެ. ހަމައެއާއިއެކު އެޢުމުރުގައިވެސް އަދި އެއަށްވުރެ ގިނަ ދުވަސްވުމުންވެސް ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ދަރިންގެ އަޅައިލުން ނުލިބޭތީއެވެ. އަހުރެން ބުނާނީ އެކަމަށްވެސް ނުވިސްނާށެވެ. އެކަމަށް ވިސްނުމުން އިތުރަށް ކަންބޮޑުވާންޖެހުން ނޫންކަމެއް އޮންނާނީ ނުވެފައެވެ. 

60 އަހަރުވިޔަސް ގައިގައި ވަރުހުރިނަމަ ދިރިއުޅެން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ލިބޭ އެއްޗަކުން ފުއްދައިލާށެވެ. ޕެންޝަން ފައިސާއިން ދެކޮޅު ޖެއްސޭނަމަ ގިނަ ވަޤުތުހޭދަކުރަންޖެހޭ ބުރަ މަސައްކަތެއް ކުރަން ނުވެސް ވިސްނާށެވެ. ބައިވެރިއަކު ހުރިނަމަ ދެމަފިރިންވެސް ފުދިގެންތިބޭށެވެ. ދުނިޔެއިން ބޭނުންވާ ކަންކަންމަދުކުރާށެވެ. ހުރިހާ ސަމާލުކަމެއް އާޚިރަތް ލިބިގަތުމަށްދޭށެވެ. ދެމަފިރިންވެސް ސަމާލުކަންޑޭންވީ އެކަމަށެވެ.  

ވަރަށް އަސަރާއިއެކު ބުނަމެވެ. ޢުމުރުން ދުވަސްވިޔަސް ގިނަ ބައަކަށް މިބުނި މަގުން ކަންކަމެއް ނުކުރެވެއެވެ. އުޅެވެނީ ދުނިޔެއިން ކޮންމެވެސް އުފަލެއް ލިބިގަނެވޭތޯއެވެ. އެހައިތަނަށް ޙާޞިލުނުކުރެވި ހުރި ކަންކަން ޙާޞިލުކުރެވޭތޯއެވެ. އެހެންވެ އެތައް ބުރަތަކެއް އުފަލައިގެން އެކަން ޙާޞިލުކުރެވޭތަނުން އޮންނަނީ ދުނިޔެ ދޫކުރަންޖެހިފައެވެ. އެއިރުން ދުނިޔެއާއި ވަކިވެގެންދާން އެޖެހެނީ ހުސްއަތާއެވެ. ކުރި މަސައްކަތް އެހެން ބައަކަށް ދޫކޮށްލައިފައެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދާނެ އެއްޗެއް ނެތި ހުސްއަތާއެވެ. އެއީ އެންމެ ހިތާމަވެރި ނިމުމެވެ.  

ވީމާ އަހުރެން އުންމީދުކުރަނީ އަހުރެން މިބުނި ވާހަކަކޮޅަށް ވިސްނައިލާނެ ކަމަށެވެ. ޢުމުރުން ދުވަސްވުމުން ހުރިހާ ސަމާލުކަމެއް އާޚިރަތް ލިބިގަތުމަށް ދޭނެ ކަމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- މިއަދުނޫސް

މިއަދު އޮންލައިން