ގ. ފުންފަޅުގޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ ގޭބިސީތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ހާމަކުރެއްވި ގޮތުގައި، މި އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނީ އެޕާޓްމަންޓްތަކުގެ ވެރިންނާ ގުޅިގެންނެވެ. މިގޮތުން މިއަދުގެ ވަގުތެއްގައި އެޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް، ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލީ އަންދާޒާއެއް ތައްޔާރުކުރެވޭނެއެވެ. މި މަސައްކަތް ނިމުމުން، ގެއްލުން ލިބުނު ގޭބިސީތަކަށް ދޭންޖެހޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖައްސާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ފުންފަޅުގެ ފަސްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ފަންގިފިލާގައި ހުރި ތިން އެޕާޓްމަންޓަކަށެވެ. އެ ފަންގިފިލާގެ އެހެން އެޕާޓްމަންޓްތަކަށް އަލިފާނުގެ ސީދާ އަސަރު ނުކުރި ނަމަވެސް، ދުމާއި ގެނދަބުޅީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ އެ ތަންތަން ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓެއްގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.
މި ހާދިސާގެ ސަބަބުން ޖުމްލަ 109 މީހުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާއިރު، މިހާތަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭއިން ވަނީ 95,000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކޮށްފައެވެ. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދަނީ މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.