މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވުޒާރާއިން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ކްލައިމެޓް މޮޑެލިންގ އެންޑް ޑައުންސްކޭލިންގ" ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ފެށުމުގެ މައިގަނޑު މަގްސަދަކީ މޫސުމީ މައުލޫމާތުތައް ދިރާސާކުރުމާއި، ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް މޫސުމަށް ހޭނުމުގެ ކަންކަން ރޭވުމުގައި ގައުމީ ފެންވަރުގައި ހުރި ފަންނީ ގާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަންކަމަށް ތައްޔާރުވުމަށް ބޭނުންވާ ފަންނީ ހުނަރު މުވައްޒަފުންނަށް އުނގަންނައިދިނުމަކީވެސް މި ތަމްރީނުގެ މުހިންމު ބޭނުމެކެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ އެހީތެރިކަމާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ ފަންނީ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ "ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން" (އެން.އޭ.ޕީ) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މޫސުމީ ބަދަލުތަކަށް ހޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެކެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރކޮށް، އެކަންކަމަށް ދުރާލައި ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.