ގްލޯބަލް އޭއައި ގަވަރނަންސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 30ސ
ގްލޯބަލް އޭއައި ގަވަރނަންސް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ

"ޔޫއެން ގްލޯބަލް ޑައިލޮގް އޮން އާޓިފިޝަލް އިންޓެލިޖެންސް ގަވަރނަންސް"ގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ.

މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން އދ. އިން އިސްނަގައިގެން ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުމެވެ.

ޖެނީވާގައި ކުރިއަށްދާ މި ސަމިޓުގައި ދިވެހިރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، މި ވަފުދު އެންމެ އިސްކޮށް ހުންނަވައިގެން ލީޑުކުރައްވަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މިއީ އޭއައިގެ ދާއިރާއިން ބައިނަލްއަގުވާމީ ސިޔާސަތުތައް ބައިނަލަގްވާމީ ފެންވަރުގައި ކަނޑައެޅުމުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ބޮޑު ހަރަކާތެވެ.

މި ޚާއްސަ ވަފުދުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް އާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުންނާއި ޕީޖީ އޮފީހުގެ ފަންނީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ޑައިލޮގްގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއް ޝާމިލުވާ، ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި އޭއައިގެ ވަސީލަތްތައް ބޭނުންކުރެވޭނެ ފަދަ ހަރުދަނާ ގަވަރނަންސް ނިޒާމެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ހައްގުތަކަށާއި ގައުމުތަކުގެ ސަލާމަތަށް ނުރައްކާނުވާނެހެން އޭއައި މެނޭޖްކުރާނެ އުސޫލުތައް ހެދުމަށް ދުނިޔޭގެ ލީޑަރުންނާއި ޓެކް މާހިރުން މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަމިޓުގެ ތެރެއިން ލިބޭ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ދާޚިލީ ސަލާމަތާއި، ޖިނާއީ ތަހުގީގުތަކުގެ ނިޒާމާއި، އަދި ޝަރުއީ ދާއިރާގައި ޒަމާނީ އޭއައި ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން