މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ރަސްމީކޮށް ދޭން ފަށައިފިއެވެ.

މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ނޯތު ހާބަރުގެ އިންފްރާސްޓްރަކްޗާ ތަރައްޤީކޮށް، އުޅަނދުފަހަރަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

މީގެކުރިން މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ބޮޑުތަކުރުފާނު މަގާވީ ފަރާތުން އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. އޭރު މި ޚިދުމަތްތައް ލިބެމުންދިޔައީ ހަމައެކަނި "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ. މީގެ ސަބަބުން "އޭ ޒޯން" ގައި ބަނދަރުކުރާ އުޅަނދުފަހަރަށް ޚިދުމަތް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

އެމް.ޕީ.އެލް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، އަލަށް ޤާއިމްކުރެވުނު ނިޒާމުގެ ދަށުން "އޭ ޒޯން" އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ދެވޭނެއެވެ. އަދި އުޅަނދުފަހަރަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދުގައި ފެން ދޫކުރާ 16 ޕޮއިންޓެއް ވަނީ ޤާއިމްކޮށްފައެވެ.

މި ނިޒާމުގެ ސަބަބުން ބަނދަރުގައި އުޅަނދުފަހަރު މަޑުކޮށްގެން ތިބޭ ވަގުތުތަކުގައި އަމިއްލަ ޖަނަރޭޓަރު ބޭނުންކުރުމުގެ ބަދަލުގައި، ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބި، ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން