އޭއައިގެ ކުރިއެރުން ބިނާވަނީ އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ވިދާޅުވެއްޖެއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް" ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، އޭއައިގެ ކުރިއެރުން ބިނާވަނީ ހަމައެކަނި މޮޅެތި ސިސްޓަމްތަކެއް އުފެއްދުމުގެ މައްޗަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ މައްޗަށް ކަމަށެވެ. ޚާއްޞަކޮށް ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ރާއްޖެ ފަދަ ޤައުމެއްގައި، ޚިދުމަތުގެ ފެންވަރު ކަނޑައެޅެންވާނީ ވެރިކަންކުރާ ރަށާ ހުރި ދުރުމިނަށް ބަލައިގެން ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "މޯލްޑިވްސް 2.0" ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ކަމަށެވެ. މި ބަދަލުތައް ބިނާވެފައިވަނީ މަޢުލޫމާތުގެ ރައްކާތެރިކަމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމުގެ އިތުރުން ޒިންމާދާރުކުރުވަނިވި ނިޒާމެއްގެ މައްޗަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭއައިއާ ނުލާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަދި ރާއްޖެ ފަދަ ޤައުމަކަށް އެންމެންގެ ބައިވެރިވުން ކަށަވަރުކުރެވެނީ ޓެކްނޮލޮޖީގެ ވަރުގަދަ ބިންގަލެއްގެ މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭއައި އަކީ ހަމައެކަނި އެންމެ ބާރުގަދަ ފަރާތްތަކަށް ނުވަތަ މުއްސަނދި ޤައުމުތަކަށް އެކަނި ބޭނުންކުރެވޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި، އެންމެންނަށްވެސް އޭގެ ފައިދާ ލިބޭނެ ފަދަ ގޮތަކަށް އޭއައި ތަރައްޤީކުރުމަށް މި ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކަށް ވަޒީރު ޢަލީ އިޙްސާން ވަނީ ގޮވާލައްވާފައެވެ.