ރާއްޖެއިން މިހާތަނަށް ހިމަބިހީގެ 121 ކޭސް ފެނިއްޖެ! މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށް ބަލިޖެހުނު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރާއްޖެއިން މިހާތަނަށް ހިމަބިހީގެ 121 ކޭސް ފެނިއްޖެ! މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށް ބަލިޖެހުނު!

ރާއްޖެއިން މިހާތަނަށް ހިމަބިހި ނުވަތަ މީސަލްސްގެ 121 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 121 އަށް އަރާފައެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް 55 މީހަކަށް މި ބަލި ޖެހިފައިވާކަން އެ އެޖެންސީން ފާހަގަކުރައްވައެވެ.

ގައިންގަޔަށް އަރާ މި ނުރައްކާތެރި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން އަންނަނީ ބަލި ޖެހުނު މީހުންނާ ދިމާވި މީހުން (ކޮންޓެކްޓުން) ހޯދައި، ޓެސްޓުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ. މީގެ އިތުރުން، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި، މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 5,495 ފަރާތަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.

ކުޑަކުދިންނާއި މާބަނޑު މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުކަމަށްވާތީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ވެކްސިން ފުރިހަމަކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން