ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، ޕާސްޕޯޓަކީ މީހާގެ ކާކުކަން ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ލިޔުމަކަށް ވާތީ، އޭގައި ހިމެނޭ ފޮޓޯއަކީ އެ މީހެއްގެ އަސްލު ސިފަ އެއްވެސް ބަދަލެއް ނެތި ފެންނަން ހުންނަ ފޮޓޯއަކަށް ވާންޖެހެއެވެ. އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައި ހުންނަ ފޮޓޯތަކަކީ ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު އެއްޗެއްކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މި ފިޔަވަޅަކީ ޕާސްޕޯޓުގެ ފޮޓޯ މިންގަނޑުތައް ހިފެހެއްޓުމަށާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތަކަށް ފެތުމަށްޓަކައި އެޅި ފިޔަވަޅެކެވެ. އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ފޮޓޯ ހުށަހެޅުމަކީ ޕާސްޕޯޓު ދޫކުރުމުގެ މަރުހަލާ އަވަސްވެގެންދާނެ ކަމެއް ކަމަށެވެ.
ނަމަވެސް، މިންގަނޑާ ޚިލާފު ފޮޓޯ ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމު ބާތިލުވެ، ޕާސްޕޯޓު ލިބުން ލަސްވުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރުވެސް އެ އިދާރާއިން ވަނީ ދީފައެވެ. އެހެންކަމުން، ޕާސްޕޯޓަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް، ފޮޓޯ ނެގުމުގައާއި ހުށަހެޅުމުގައި އިމިގްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ސަމާލުކަމަށް! ⚠️
— Maldives Immigration (@ImmigrationMV) July 7, 2026
އޭ.އައި (AI) ނުވަތަ މިފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު ފޮޓޯތަކެއް ކަމުގައި ދަންނަވަން. pic.twitter.com/WqIsLPR4rT