މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނޭ ސެގްމެންޓު 4 އަދި 5 ގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު ތާރު އަޅަން ފަށާފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (ޚާރިޖީ ވުޒާރާ) އާ ހަމައަށް އޮންނަ ސަރަޙައްދުގައެވެ. މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ޖުމްލަ 5 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ސެގްމެންޓު 4 އަދި 5 ގެ މަސައްކަތަށްފަހު، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި މަޝްރޫޢަކީ މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަޙައްދު ކަމަށްވާ ބޮޑުތަކުރުފާނުމަގުގެ ދުއްވާ ސަރަޙައްދު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ.