ދައްޖާލުގެ ވާހަކައެއް އަލުން ގެނެސްދޭން މިފަށަނީ މިވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތް ބޮޑުކަމުންނެވެ. ވިސްނައިފި މީހަކަށް މިހާރުވެސް އެތައް ގިނަ ޢަލާމާތްތަކެއް ފެންނާނެތީއެވެ. އެކަންކަން ހޭލުންތެރިކުރުވުމެވެ. ކިޔުންތެރިންނަށް ހޭލުންތެރިކަމާ ޘާބިތުކަން މިންވަރުކުރައްވަވާށީ! އާމީން
ދައްޖާލުގެ ވާހަކައަކީ ގިނަގިނައިން ދައްކަންޖެހޭ ވާހަކަތަކެކެވެ. އެހެނީ ފަހުޒަމާނުގައި ފައުޅުކުރައްވަވާނެ ކަންކަން އެނގުމަކީ ހިތުގައި ބިރުވެރިކަން އުފެދޭނެ ކަމަކަށްވާތީއެވެ. ފާފަކުރުމުން ސަލާމަތްވެ ދުރުހެލިވެގެން ހުންނަން ސަމާލުކަން އިތުރުކުރެވޭނެ ކަމަކަށްވާތީއެވެ.
ވީމާ ދައްޖާލުގެ ވާހަކައަކީވެސް ކޮންމެ މުސްލިމަކަށްވެސް އެނގުން މުހިންމު ގިނަ ކަންތައްތަކެއް ހިމެނިގެންވާ ވާހަކައެކެވެ.
ދައްޖާލުގެ ވާހަކަ:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
-المَسِيح ގެ މާނަ
“އަލްމަސީޙް” މި ބަހުގެ މާނަ ބަޔާން ކުރައްވާ ޢިލްމުވެރީންގެ އަރިހުން ފަންސާހަށް ވުރެ ގިނަ ބަސްފުޅު އައިސްފައިވެއެވެ. އެގޮތުން ތެދުވެރިޔާއަށް އަދި މަގުފުރައްދާ ދޮގުވެރިޔާއަށް ވެސް މި ލަފުޒު ބޭނުން ކުރެވެއެވެ. އަލްމަސީޙު ޢީސާ ބުން މަރިޔަމަށް މި ލަފުޒު ނިސްބަތް ކުރަނީ އެއީ ތެދުވެރިއަކަށް ވާތީއެވެ. އެއީ ހިދާޔަތުގެ މަގަށް ގޮވާލެއްވި މަސީޙެވެ. އެކަލޭގެފާނު ﷲގެ އިޒުނަފުޅާއެކު، ލޮލަށް ނުފެންނަ މީހުންނާއި ބަރަޞްބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަކޮށްދެއްވާ، މަރުވެފައިވާ މީހުން ދިރުއްވިއެވެ. މިއާއި ޚިލާފަށް އަލްމަސީޙުއް ދައްޖާލަކީ މަގުފުރައްދާ ދޮގުވެރިޔެކެވެ. އުޑުން ވާރޭ ވެއްސުމާއި ބިމުން ގަސް ފެޅުއްވުން ފަދަ، އޭނާއަށް ﷲ ދެއްވަވާފައިވާ އާދަޔާ ޚިލާފު ބާރުތައް ބޭނުންކޮށްގެން މީސްތަކުން މަގުފުރައްދައެވެ.
ބަޔާންވެދިޔަ ފަދައިން ﷲ ތަޢާލާވަނީ ދެ މަސީޙުން ޚަލްޤު ކުރައްވާފައެވެ. ދިމާ އިދިކޮޅު ސިފަތައް އެކުލެވިގެންވާ ދެ މަސީޙުންނެވެ. ތެދުވެރިޔަކާއި ދޮގުވެރިޔެކެވެ. ޙިދާޔަތުގެ މަގަށް މަގު ދެއްކެވި المسيح عيسى ابن مريم އާއި މީސްތަކުން މަގުފުރައްދާނެ المسيح الدجال އެވެ.
މީގެ އިތުރުން، ދައްޖާލަށް “އަލްމަސީޙް” ގެ ނަމުން ނަން ދެވުނު ސަބަބަކީ ދައްޖާލުގެ އެއް ލޮލަށް ނުފެންނާތީކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އަދި އެއީ ސާޅީސް ދުވަހުން މުޅި ދުނިޔޭގައި ދަތުރުކުރާނޭތީ ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ޞަޙީޙު މުސްލިމްގައި އަނަސް ބުން މާލިކުގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްއަށް ބިނާކޮށް މި ދެ ރައުޔުން ބޮޑަށް ޞައްޙަ ރައުޔުއަކީ ފުރަތަމަ ރައުޔުއެވެ.
قال رسول الله صلى الله عليه وسلم : ((الدَّجَّالُ مَمْسُوحُ الْعَيْنِ مَكْتُوبٌ بَيْنَ عَيْنَيْهِ كَافِرٌ))
[رواه مسلم / كتاب: الفتن وأشراط الساعة / باب: ذكر الدجال وصفته وما معه / رقم: 2933]
މާނައީ: "ދައްޖާލުގެ އެއް ލޮލަށް ނުފެންނާނެއެވެ. އަދި އޭނާގެ ދެ ލޯ ދެމެދު كَافِرٌ ލިޔެވިފައިވާނެއެވެ."
-الدَّجَّال ގެ މާނަ:
މި ލަފުޒުގެ މާނައަކީ އެއްކޮށްލުމެވެ. އަދި އޮޅުވާލުމެވެ. ދައްޖާލަކީ މީސްތަކުންނަށް އޮޅުވާލާ މަގުފުރައްދާ މީހެކެވެ. އަދި ދޮގުހެދުން ގިނަ މީހެކެވެ. الدَّجَّال މި ނަމަކީ އަވަރު ދޮގުވެރި މަސީހަށް ދެވިފައިވާ ނަމެވެ. ދައްޖާލަށް މި ނަމުން ނަންދެވުނީ އޮޅުވާލުމާއި ދޮގުތަކުން އޭނާގެ ކާފިރުކަން މީސްތަކުންނަށް ފޮރުވާތީއެވެ.
ދައްޖާލަކީ އާދަމުގެ ދަރީންކުރެ މީހެކެވެ. އޭނާގެ ފިތުނައަކީ މި ދުނިޔެއަށް ފާޅުވާނެ އެންމެ ބޮޑު ފިތުނައެވެ. އެހެންކަމުން އޭނާ ދެނެގަނެ އޭނާގެ ނުބައިކަމާއި ފިތުނައިން މީސްތަކުން ސަލާމަތްވުމަށްޓަކައި ރަސޫލުﷲ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުތަކުގައި ދައްޖާލުގެ އެތަކެއް ސިފަތަކެއް ބަޔާން ކޮށްދެއްވާފައިވެއެވެ. އެއީ އެ ސިފަތަކުން އޭނާ ދެނެގަނެ، އޭނާގެ ފިތުނައިން އެންމެހާ މުއުމިނުން އެއްކިބާވުމަށްޓަކައެވެ. އާދަމުގެ ދަރީން ކުރެ މީހެއްކަމުގައިވާ ދައްޖާލު، މި ސިފަތަކުން އެހެން އިންސާނުންނާ ވަކިކޮށް ފަރަޤު ކުރަން އެނގޭނެއެވެ. އަދި އަބާއްޖަވެރި ޖާހިލަކު މެނުވީ ދައްޖާލުގެ ފިތުނައިގައި ޖެހި ގެއްލިގެން ނުދާނެއެވެ. އަޅަމެންނަކީ މި ފިތުނައިން ސަލާމަތްވާނޭ ބައެއްކަމުގައި ލައްވާށިއެވެ.
މިގޮތުން ދައްޖާލަކީ ހަމުގެ ކުލަ ރަތް، ޒުވާން ފިރިހެނެކެވެ. އިސްކޮޅުން ކުރު މީހެކެވެ. އޭނާގެ އިސްތަށިގަނޑު ބޯ ވެފައި ބުޅި ވާނެއެވެ. ނިތްކުރި ބޮޑު، ބައިމަތި ފުޅާ މީހެކެވެ. އަދި އޭނާގެ ކަނާތު ލޮލަކަށް ނުފެންނާނެއެވެ. އެ ލޯ ހުންނާނީ މޭބިސްކަދުރެއް ފަދައިން ބޭރަށް ނުކުމެފައެވެ. ވާތު ލޮލުގެ މަތީގައި މަހުގެ ދުއްޔެއް ލެވިފައި ހުންނާނެވެ. އަދި ދެ ލޯ ދެމެދު “ك ف ر” ވަކި ވަކި އަކުރުން ނުވަތަ “كافر” މިގޮތަށް ލިޔެފައި ހުންނާނެވެ. ލިޔަންކިޔަން ދަންނަ މީހުންނާ ނުދަންނަ މީހުން ތަފާތު ކުރުމެއްނެތި ހުރިހާ މުސްލިމުންނަށް އެ ލިޔުން ކިޔަން އެނގޭނެއެވެ. އަދި އޭނާއަށް ދަރީންނެއް ނުލިބޭނެއެވެ.
- ނުނިމޭ
- ޝައިޚް ޙަސަން ޒިޔާން