އަޅުގަނޑުގެ ޢުމުރުން 18 އަހަރުގައި ބައްޕަ ނިޔާވުމުން މަތީ ތަޢްލީމަށް ކިޔެވުމުގެ ފުރުޞަތު ގެއްލުނެވެ. އަދި މަތީ ތަޢްލީމް ނެތުމުން ރަނގަޅު ވަޒީފާއެއް ލިބޭނެ ގޮތެއްވެސް ނުވިއެވެ. ނަމަވެސް ބަލިޙާލުގައި އޮތް މަންމަ ބެލެހެއްޓުމަށް ފައިސާ ބޭނުންވާތީ ފައިސާ ހޯދަން ވަނީ މަޖުބޫރުވެފައެވެ.
އެކުވެރިއެއްގެ އެހީގައި ތަނަވަސް މީހެއްގެ ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނެވެ. ބޮސްއަކީ ވަރަށް ހެޔޮލަފާ މީހެކެވެ. ނަމަވެސް މެޑަމްއަކީ ވަރަށް ނުބައި އަންހެނެކެވެ. އެހެންކަމާއިއެކުވެސް ކެތްތެރިވެ މަސައްކަތްކުރަމުން ދިއައިމެވެ.
ހެނދުނުދާގޮތަށް މަސައްކަތް ނިމެނީ ރޭގަނޑު 9 ޖެހީމައެވެ. ކޮންމެ ދުވަހަކީވެސް ހިތްދަތިވެ ކަރުނައަޅަންޖެހޭ ދުވަހެކެވެ. އެއީ މަސައްކަތްބުރަވުމަކުން ނޫނެވެ. ކިތަންމެ ރަނގަޅަށް މަސައްކަތްކުރިޔަސް ގޮވާ އެއްޗެތިންނެވެ. ކުރާ ކަންކަން ކިތަންމެ ރަނގަޅަށް ކުރިޔަސް ތަކުރާރުކޮށް އެމަސައްކަތްކުރުވާތީއެވެ.
އެޙާލުގައި އުޅޭތާ 5 ވަނަ އަހަރު އެއްރޭ 7 ޖަހާއެހާކަންހާއިރު ބޮސް ގެއަށް އައެވެ. ޢާންމުކޮށް އަންނާނީ އަޅުގަނޑުދާފަހުން ނަމަވެސް އެރޭ ކުރިން ގެއަށް އާދެވުނީއެވެ. އެއިރު މެޑަމް އަޅުގަނޑަށް އެއްޗެތި ގޮވަނީއެވެ. އަޅުގަނޑަށް ރޮވެނީއެވެ.
ބޮސްއަށް އެތަންފެނުމާއިއެކު އައިސް މެޑަމަށް މަޑުން ހުންނަން ބުންޏެވެ. އަދި ވެގެން އުޅޭ ގޮތަކާއިބެހޭގޮތުން އަޅުގަނޑާއި ސުވާލުކުރިއެވެ. ޖަވާބުގައި މައްސަލައަކީ ކުރަންހުރި ހުރިހާ މަސައްކަތެއް ކޮށް ނިންމާފައި މަންމަގެ ޙާލު ހުރިގޮތުން ތަންކޮޅެއް އަވަހަށް ގެއަށްދާން ބޭނުންވެގެން ހުއްދައަށް އެދުމުން ކަމަށް ބުނީމެވެ. ބޮސް އިތުރަށް ސުވާލުކުރުމުން މަސައްކަތްކުރަމުން މިއަންނަނީ ވަރަށް ހިތްދަތިކަމާއިއެކުގައި ކަމަށްބުނީމެވެ. ކޮންމެ ދުވަހަކުވެސް ރޮއި ކަރުނައަޅަން ޖެހޭ ކަމަށް ބުނީމެވެ.
ބޮސް އަޅުގަނޑުގެ އަތަށް 1000 ރުފިޔާދީފައި ބުނީ އަވަހަށް ގެއަށްގޮސް މަންމަ ޑޮކްޓަރަށް ދެއްކުމަށެވެ. އަދި މާދަމާ ހެނދުނު 7 ޖަހާއިރު އައިސްދިނުމަށް އެދުނެވެ. ބޮސްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައި އަޅުގަނޑު ދިއައީއެވެ.
އަނެއް ދުވަހު ހެނދުނު 7 ޖެހިއިރު ގޮސް ސައިތައްޔާރުކޮށްނިމުނުތަނާ ބޮސް ނުކުތުމުން ދެމަފިރިންނަށް ސައި ތައްޔާރުކުރުމުން ބޮސް އިށީނދެފައި ބުނީ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށެވެ. އެއީ މެޑަމްގެ ގޮނޑިކަމަށްވުމުން ފަސްޖެހުނީމައި ބޮސް ބުނީ މެޑަމް އެގެއިން ފޮނުވާލައިފިން ކަމަށާއި ދެން އެނބުރި ނުއަންނާނެ ކަމަށެވެ. ދެންވެސް ފަސްޖެހެވުމުން ބޮސް ތަކުރާރުކޮށް އެދުމުން އިށީނީމެވެ.
ބޮސްބުނީ ކުރިއާއި އެއްގޮތަށް މަސައްކަތްކުރަމުން ދިއުމަށެވެ. ބޮސްއަކީ އެކުވެރިއެއް ކަމަށް ބަލައިގެން އުޅުމަށެވެ. މުސާރައިގެ އިތުރުންވެސް އެހީތެރިވެދޭނެ ކަމަށެވެ. ޝުކުރުވެރިކަމާއިއެކު އެކަން ޤަބޫލުކުރީމެވެ.
އެގޮތަށް އުޅޭތާ 2 އަހަރުވީތަނާ އެއް ރޭ ބޮސް އަޅުގަނޑުމެންގެ ގެއަށްގޮސް މަންމައާއި ބައްދަލުކުރިއެވެ. ބޮސްދޭ އެހީއިން މަންމައަށް ބޭސްފަރުވާ ރަނގަޅަށް ކުރެވޭތީ އެއިރު މަންމަގެ ޙާލުވެސް ރަނގަޅެވެ. ބޮސް އަޅުގަނޑާއި ވާހަކަ ދެއްކުމުގެ ބަދަލުގައި ވާހަކަ ދެއްކީ މަންމައާއިއެވެ. ދެމީހުން ދެއްކި ވާހަކައެއް ނުއެނގެއެވެ.
އަނެއް ދުވަހު ހެނދުނު ބޮސް ބުނީ މަންމަގެ ރުހުން ހޯދައިފިން ކަމަށާއި އަޅުގަނޑު ރުހޭނަމަ ކައިވެނިކުރަންވީ ކަމަށެވެ. ބޮސް އަޅުގަނޑަށްވުރެ 10 އަހަރު ދޮށްޓެވެ. އެހެންކަމާއިއެކުވެސް ބޮސްގެ ރަނގަޅު ކަމަށްބަލައި އަޅުގަނޑު ރުހުމުން ކައިވެނިކުރީއެވެ.
ކައިވެންޏަށް މިހާރު 10 އަހަރެވެ. ފިރިމީހާވަރުގެ ރަނގަޅު ފިރިއަކު މަދުވާނެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ މިބޮޑު ރަޙްމަތް އަޅުގަނޑަށް މިލިބުނީ މަންމައަށްޓަކައި އަޅުގަނޑުވީ ޤުރްބާނީ އާއި މަންމަގެ ހެޔޮދުޢާއިން ކަމަށެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ މަންމައަށް ހެޔޮކޮށްހިތާށެވެ. އެކަމުގައި ބަރަކާތް ލައްވަވާނެއެވެ. އިން ޝާ ﷲ
- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ