ކިތަންމެ ބޮޑުކަމެއް ކުރިމަތިވެފައިއޮތަސް ކުޑަކުޑަކަމަކުން ހިނިތުންވެވިގެން އުފަލުގަ ހުރެވިދާނެ! ނިކަން ޢަޖުމަ ބަލައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކިތަންމެ ބޮޑުކަމެއް ކުރިމަތިވެފައިއޮތަސް ކުޑަކުޑަކަމަކުން ހިނިތުންވެވިގެން އުފަލުގަ ހުރެވިދާނެ! ނިކަން ޢަޖުމަ ބަލައިލަބަލަ!

ދުނިޔެއަށް ބަލާށެވެ! އެންމެ ތަނަވަސް މީހުންނާއި އުފާކުރާނެ ހުރިހާ ވަސީލަތްތަކެއް ހުރެފައި އަދި މަގުފަހިވެފައިވާ ގިނަ ބައަކު ހާސްކަމާއި ނުތަނަވަސްކަމުގައި ދިރިއުޅޭތަން ފެންނާނެއެވެ. އެމީހުންނަށް ހިނިތުންވެވޭނީވެސް ގަދަކަމުންނެވެ.  

އެއިގެ ބަދަލުގައި މައްސަލަތަކުން ފުރިގެން ތިބި އެތައް ބައަކު އަބަދުވެސް ހިނިތުންވެގެން ތިބޭކަންވެސް ފެންނާނެއެވެ. އެފަދަ މީހަކާއި ތިމާއަށް "މިވެނި އެވަނި މައްސަލަތައް ތިބާއަށް ކުރިމަތިވެފައި ނުވޭތޯ؟" ސުޥާލުކޮށްފިނަމަ އެމީހުން ބުނާނީ އެމައްސަލަތައް ކުރިމަތިވެފައިވުމަކީ މައްސަލައެއް ނޫންކަމަށެވެ.  

ދެން ބަލައިލަންވީ އެމީހުންނަށް އެޘާބިތުކަން ލިބޭ ސަބަބަށެވެ. އެއީ މާގިނަ ސަބަބުތަކެއް ނޫނެވެ. ހަމައެންމެ ސަބަބެކެވެ. އެސަބަބަކީ ތިމާއަކީ ކުޑަކުޑަ ހިނދުކޮޅަކަށް ދުނިޔޭގައި ލައްވަވާފައިވާ ﷲ ތަޢާލާގެ އަޅެއްކަމަށް ޤަބޫލުކުރާކަމެވެ.  

ދުނިޔަވީ މިޘާލެއް ބުނެލާނަމެވެ. ތިބާގެ މުވައްޒިފުން ނުވަތަ ތިބާގެ ބެލުމުގެ ދަށުގައިވާ ބައަކަށް އުޅެންޖެހޭނީ ތިބާ އެމީހުންނަށް ކުރިމަތިކުރުވާ ކަންކަމުގެ ތެރޭގައި ނޫންހެއްޔެވެ؟ އަހުރެމެންގެ ޙަޤީޤީ ދަރަޖަ އޮތީ މާބޮޑަށް ދަށުގައެވެ. އަހުރެމެންނަކީ ﷲ ތަޢާލާގެ އަޅުންނެވެ. ކޮންމެ ދުވަހަކުވެސް އުޅެން ޖެހޭނީ އެދުވަހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ޙާލަތެއްގައި ކަމަށް ޤަބޫލުކުރެވޭ މީހާ އެދުވަހަކު އުޅެންޖެހޭ ޙާލަކަށް ކަންބޮޑެއް ނުވާނެއެވެ.  

ހާސްވެވެނީވެސް ކަންބޮޑުވެވެނީވެސް އަދި މާޔޫސްވެވެނީވެސް މިބަޔާންކުރި ޙަޤީޤަތް ޤަބޫލުނުކުރެވޭތީއެވެ. ތިމާއަކީ ﷲ ތަޢާލާގެ އަޅެއް ކަމަށާއި ތިމާގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށާއި ހިތްދަތިކަމާއި އުފާވެރިކަންވެސް ލިބޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުންކަމަށް ޤަބޫލުކުރެވިއްޖެނަމަ އެމީހަކު އަބަދުވެސް ހުންނާނީ އުފަލުގައެވެ. ހިނިތުންވެގެންނެވެ. އިން ޝާ ﷲ  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން