ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ބައިވެރިޔާއަށްވުރެ ރަނގަޅު މީހުން ތިބާއަށް އަބަދުވެސް ފެންނާނެއެވެ. ގިނަ މީހުންނަށް ހަޤީގަތް އެނގެނީ އެމީހުންގެ ހިތް ކުދިކުދި ވާފަހުންނެވެ. ތިބާގެ ބައިވެރިޔާއަށްވުރެ ރަނގަޅު މިހުންނާ ތިބާއާ ބައްދަލު ވާނެއެވެ. މާ މޮޅު، މާ ރީތި، ހިތްހެޔޮ، މާ ރޮމޭންޓިކް، އެތައް ބައިވަރު ހިތް އެދޭ ސިފަތައް ހުންނަ އަދި ތިބާގެ ބައިވެރިޔާގެ ކިބައިން މަދުވާ ހުރިހާ ސިފައެއް އެމީހެއްގެ ކިބައިގައި ހުރެދާނެއެވެ. މިއީ ބަދު ބަހެއް ބުނަނީއެއް ނޫނެވެ، އެހެނަސް އެއީ ޙަޔާތުގެ ހަޤީގަތެވެ.
މިއަދުގެ ޒުވާނުން ޤަބޫލު ކުރަނީ ފޮނި ލޯތްބެވެ. އެމީހުން އެ ކައިވެނި ކުރާ މީހަކީ އެމީހުންގެ ހުރިހާވެސް އެއްޗެކެވެ. އެމީހުންގެ ކޮންމެ އެދުމެއް، ކޮންމެ ބޭނުމެއް ފުރިހަމަ ކޮށްދެއެވެ. އެހެނަސް ދަރިންނޭ! އެއީ ހަޤީގަތެއް ނޫނެވެ. އެއީ ޙަޔާތުގެ ފުރިހަމަ ދަތުރުގެ ރަހަވެސް ތަޖުރިބާ ކޮށްފައި ނުވާ މީހުން ދައްކާފައި ހުންނަ ވާހަކަތަކެވެ.
ތިބާގެ ކައިވެނީގެ ދުވަހުގައިވެސް ތިބާގެ ލޯ ރަނގަޅަށް ހުޅުވާ ބަލައިފި ނަމަ، ހިނިތުންވެ ނަށަމުންދާ މެހްމާނުންގެ ތެރެއިންވެސް ތިބާއަށް، ތިބާގެ ފިރި މީހާ ނުވަތަ އަނބި މީހާއަށްވުރެ ރީތި މީހުން ފެންނާނެއެވެ. މިއީ ހަޤީގަތެވެ. ކުރީގެ އެފްރިކަން ގަދީމީ ބަހެއްގައި ވެއެވެ. " އެ ލޮލަކުން އަބަދުވެސް ބޭރު ހޯދާ ލޮލަކަށް ހިތުގެ އެތެރޭގައިވާ ޚަޒާނާއެއް ނުފެންނާނެއެވެ." ގިނަ ކައިވެނިތައް ހަލާކުވެގެން ދަނީ ބޭރުން ފެންނަ އެއްޗެއް ބަލަން އުޅޭތީއެވެ.
އެހެންކަމުން ހަނދާން ކުރަންވީ ކަމަކީ ކައިވެންޏަކީ އެންމެ ރަނގަޅު މީހާ ހޯދުމެއް ނޫނެވެ. ތިބާ ދުނިޔޭގަ ހުރިހާ ހިނދަކު އަބަދުވެސް އާ ދުވަހަކަށް އިރު އަރާނީ މޮޅު އެހެން މީހަކާއިގެންނެވެ. ދަރިންނޭ، ކައިވެންޏަކީ ލިބޭ މިންވަރަށް ފުއްދައިގެން އުޅެން އުނގުމެވެ. އެއީ ހުރިހާ އެއްޗެއް ހާސިލް ނުވިނަމަވެސް ލިބިފަ ހުރި އެއްޗަކީ ހުރިހާ އެއްޗެއްކަމުގައި ދެކުމެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ތެދުވާއިރު ކަމެއް ނިންމުމެވެ. އިޙްސާސްއެއް ނޫނެވެ. މޫޑެއްވެސް ނޫނެވެ. ގޮތް ނިންމުމެވެ. " އަހަރެން މިއަދުވެސް ތިބާ އިޙްތިޔާރު ކުރަމެވެ." މިއެވެ.
ކައުންސިލިންގ ގެ މިވީ ދިގު މުއްދަތުގައި އަހަރެން ވަރަށް ގިނަ ފިރިން ރަނގަޅު ހެޔޮލަފާ އަނބިން ދޫކޮށްލާތަން ދުށީމެވެ. އޭނާއަށްވުރެ ބާރަށް ހޭ މީހަކު ފެނުނީތީއެވެ. އަންހެނުން ވަރަގަދަ ފިރިން ދޫކޮށްލާތަންވެސް ދުށީމެވެ. އޭނާއަށްވުރެ ފޮނި ބަސްތަކުން ވާހަކަ ދައްކާ މީހަކު ފެނުނީތީއެވެ.
އެހެނަސް، އަޑުއަހާށެވެ! ކައިވެންޏަކީ ކުދިކުދި ކަންތައްވެސް ބަލައިގަތުމެވެ. ތިބާގެ ބައިވެރިޔާ ހެނދުނު ހެނދުނާ ތިބާ އަށް މަރްޙަބާ ކިޔާގޮތެވެ. ފެއިލް ވުމުންވެސް އެމީހުން ހިތްވަރު ކުރާ ގޮތެވެ. ޙަޔާތް ބުރަވެގެން ދާ ވަޤުތުގައިވެސް ތިބާގެ ފަހަތުގައި އެމީހުން ތިބޭ ތބުމެވެ. އެއީ އެންމެ މީހަކު އިޙްތިޔާރު ކުރުމަށްފަހު "ތިބާ އަހަންނަށް ފުދެއޭ ބުނުމެވެ." އޭނާގެ އަތުގައި ހުރިހާ އެއްޗެއް ހުރީތީއެއް ނޫނެވެ. އެހެނަސް ތިބާ އޭނާ އެއީ ތިބާގެ ހުރިހާ އެއްޗެއް ކަމުގައި ނިންމީތީއެވެ. މި ކުދިކުދި ކަންކަމަކީ ކައިވެނީގެ ހެދުން ވަރުގަދައަށް ފަހާލަދޭ ރޮއްޖެވެ. ތިބާގެ ހިތުން " އަހަރެންނަށް ތިއަށްވުރެ ރީތި މީހަކު ފެނުނަސް، ރަނގަޅަށް ވާހަކަ ދައްކާ މީހަކު ފެނުނަސް، އަދި ތިއަށްވުރެ ހުރިހާ ގޮތަކުން ފުރިހަމަ މީހަކު ފެނުނަސް، ތިބާއާއި އެކުގައި މެނުވީ އަހަރެން އެކަން ތަޖުރިބާ ކުރާކަށް ބޭނުމެއް ނޫނެވެ." މިހެން ބުނެވޭ ފަދަ މަޤާމެއްގައި ތިބާ ހުންނަން ޖެހޭނެއެވެ. ފުރިހަމައަށް ބޮޑުވުމަކީ މިއީއެވެ.
ގިނަމީހުން މަކަރުހަދަނީ އޭނާގެ ބައިވެރިޔާ ގޯސް ވީމައެއް ނޫނެވެ. އެހެނަސް އޭނާގެ ޝަޚްޞިއްޔަތު ބަލިކަށި ވީމައެވެ. މިފަދަ ނިންމުންތައް އެމީހުންނަށް ރަނގަޅަކަށް ފަހުމެއް ނުވެއެވެ. އެމީހުންނަށް މާ ރީތި މީހަކާ ދިމާވާއިރަށް އެމީހުންގެ ހިތް ތެޅެންފަށައެވެ. އެމީހުން ތާކުންތާކު ނުޖެހޭ ސުވާލު ކުރަން ފަށައެވެ. "ކީއްވެހޭ މީނަ އަހަރެންގެ އަނބިމީހާއަށް ވުރެ ރަނގަޅީ؟"
ދިރިއުޅުން ހަމަހަމަ ނޫނީއެއް ނޫނެވެ. އެހެނަސް ދިރިއުޅުން ތިބާއަށް ދައްކަނީ ފުރުސަތުތަކެކެވެ. ކުރިއަށް ދާނެ ދިމާއެއް އިޚްތިޔާރު ކުރާނީ ތިބާގެ ޝަޚްޞިއްޔަތެވެ. އެހެން އިހުގެ ބުނުމެއްގައި ވެއެވެ. " ދެ މުސަޅުގެ ފަހަތުން ދުވާ މިހާއަށް ދޭތިވެސް ގެއްލޭނެއެވެ." ގިނަ މީހުން މިއަދު ހުސްއަތާ ތިބެން ޖެހެނީ އެމީހުން އިޚްތިޔާރު ކުރި އެއްޗެއްގައި ބާރަށް ހިފަހައްޓަން ދެކޮޅު ހަދާތީއެވެ. ކައިވެންޏަކީ ހުށައެޅުމެއް ނޫނެވެ. އަދި އެއީކީ އެންމެ ރީތި އަދި އެންމެ މޮޅު މީހާ ނޫނީ އެންމެ އުފާވެރި މީހާއެއްވެސް ނޫނެވެ. އެހެން އެކަން ވެއްޖެ ނަމަ ޤުރުބާން ވުމުގެ އެއްވެސް މާނައެއް ނޯއްނާނެއެވެ.
ޤުރުބާން ވުމަކީ ކޮބައިތޯ؟ ޤުރުބާން ވުމަކީ ތިބާގެ އިޙްސާސްތައް ވަރުބަލި ވެފައި ވީއިރުވެސް މަޑުކުރުމަށް ނިންމުމެވެ. އެއީ އަޅާކިޔުން ތިބާގެ ހިތަށް ވަންނަން މަސައްކަތް ކުރާއިރުވެސް ހިމޭންކަމާއި އެކު ހުންނަން ނިންމުމެވެ. އެއީ އެހެން ބިންތައް ކިތަންމެ ހިތްގައިމު ވީނަމަވެސް " އަހަރެން ބިނާކުރާނީ މިބުމުގައޭ" ބުނުމެވެ.
ކައިވެނީގެ މަޤްސަދަކީ އެންމެ މޮޅު މީހާ ހޯދުން ކަމުގައި ވާނަމަ، ޤުރުބާން ވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސަބަބަކީ ކޮންމެ ދުވަހަކު، ކޮންމެ މަހަކު، ކޮންމެ އަހަރަކު އެއަށްވުރެ މޮޅު ކޮންމެވެސް މީހަކު ފެންނާނެއެވެ. އެހެނަސް ތބާގެ ޤުރުބާން ބުނާކަލައެވެ. " އަހަރެން އެ ހުރިހާއެއްޗެއް ދެކެފީމެވެ، އަދިވެސް އަހަރެން އިޚްތިޔާރު ކުރަނީ ތިބާއެވެ." ކައިވެނީގެ ކާމީޔާބީއަކީ މިހާރު ގިނަމީހުން އިޙްތިރާމް ކުރާ އެއްޗެއް ނޫނެވެ. އެހެނަސް އެއާ ނުލައި އެއްވެސް ގެއެއް ބިނައެއް ނުކުރެވޭނެއެވެ.
"ތިބާ ކޮންމެ ދުވަހަކު ކައްކަން ގެންގުޅޭ ތެއްޔަކީ އާ އެއްޗަކަށް ނުވެދާނެއެވެ. އެހެނަސް އެއަށް ތިބާގެ އަލިފާން އިނގޭނެއެވެ." ތިބާގެ ބައިވެރިޔާ އެއީ ހުރިހާ އެއްޗަކަށް ނުވެދާނެއެވެ. އެހެނަސް އޭނައަށް ތިބާގެ ޙަޔާތް، ތިބާގެ ބުރަކަން، ތިބާގެ ދަތުރު، މި ހުރިހާ އެއްޗެއް އެނގޭނެއެވެ. އެއީ ދުރު ހިލޭ މިހަކަށް ރެއަކާއިދުވާލުން ފޫ ނުބެއްދޭނެ ކަމެކެވެ.
އަހަރެން ކައިވެނި ކުރި ހިސާބުން އަމިއްލަ ނަފްސަށް ބުނީމެވެ. " އަހަރެންގެ ބައިވެރިޔާގެ ކިބައިން ނުފެނިއްޖެ އެއްޗެއް، އެ ހޯދަން އަހަރެން ބޭރަކަށް ނުދާނަމެވެ. އަހަރެންގެ އަނބިމީހާގެ ނެތް ރީތިކަމެއް އެހެން ތާކުން ނުހޯދަން އަހަރެން ލޯ ތަމްރީނު ކުރާނަމެވެ. އޭނަގެ ކިބައިގައި ނެތް ކުޅަދާނަކަމެއް، އެހެން އަންހެނެއްގެ ކިބައިން އެކަމަށް ހިތްއެދުނަކަ ނުދޭނަމެވެ." ކީއްވެތޯ؟ ސަބަބަކީ އަހަރެން ތިބާ އިޚްތިޔާރުކޮށް އެގޮތަށް ނިންމީތީއެވެ. ކައިވެންޏަކީ އެއީ އެވެ.
- ތަރުޖަމާއެއް
- މިއަދުނޫސް