މީސްތަކުންގެ ތާއީދާ ރުހުން ބޮޑުވުމަކީ އެއްވެސް
މީހަކަށް ސުވަރުގެ ވަދެވޭ ސަބަބެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ ހަމައެކަނި ﷲ ތަޢާލާގެ ރުއްސެވުން ލިބިގެންނެވެ. އެހެންކަމުން މީސްތަކުންގެ ކިތަންމެ ބޮޑު ތާއީދެއް އޮތް ނަމަވެސް އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއަކު ކަމުގައި ނުވަނީނަމަ، އެމީހަކީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކު ކަމުގައި ނުވާނަމަ އެމީހެއްގެ ފަހަތުގައި އަބަދު އެލިގަނެ ތަތްވެގެން އޮތުމަކީވެސް ސުވަރުގެ ވަދެވޭނެ ސަބަބެއް ނޫނެވެ.
ސުވަރުގެ އެދޭނަމަ ކުރިއަށްދާންވީ އެމީހަކަށް ތާއީދުކުރާ މީހުންގެ އަދަދުބަލައި އެންމެ ގިނަ މީހުން ތާއީދުކުރާ މީހެއްގެ ފަހަތަކުން ނޫނެވެ. ކުރިއަށްދާންވީ އެންމެ ތަޤްވާވެރި މީހާ ބަލައި އެމީހެއްގެ ފަހަތުންނެވެ. ކުރަންވީ މީސްތަކުންގެ ތާއީދު އެންމެ ބޮޑު މީހާ ބުނާ ކަންކަމެއްވެސް ނޫނެވެ. ކުރަންވީ އެކަމެއް ކުރުމަށް ﷲ ތަޢާލާ އަންގްވާފައިވާ ކަންކަމެވެ. އެގޮތުގައި ކަންކަން ކުރެވޭނީ ތަޤްވާވެރިންނާއިއެކު އުޅެ އެބައެއްގެ ފަހަތުން ކުރިއަށް ދިއުމުންނެވެ.
ގަދައަޅައި މަސައްކަތްކުރަންވީ ތަޤްވާވެރިންނާއިއެކު މަހްޝަރު ކުރައްވަވައި ދެއްވަވާތޯއެވެ! އެންމެ ތާއީދު ބޮޑު މީހާ އާއިއެކު މަޙްޝަރު ކުރައްވަވައި ދެއްވަވާތޯއެއް ނޫނެވެ. ނަމަވެސް ހިތާމައަކީ ގިނަ ބައަކަށް މިއަދު މިކަންކަން ވަރަށް ބޮޑަށް އޮޅިފައިވާތީއެވެ. ތަޤްވާވެރި ހެޔޮލަފާ މީހުންނަށްވުރެ މަޝްހޫރު، ތާއީދު ބޮޑު މީހުންނަށް ލޯބިކުރެވޭ މިންވަރު އިތުރުވެފައިވާތީއެވެ!
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކާމިޔާބު މީހަކަށް ވެވޭނީ ދުނިޔެ ނުވަތަ މުޖުތަމައުގެ ގިނަ ބައަކު ބުނާގޮތަށް އުޅޭ މީހުންނަށް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ސަލާމަތްކަން ލިބޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުންނެވެ.
މުޖުތަމައުގެ ގިނަ ބައަކު ބޭނުންވާ ގޮތަށް އުޅެގެން މުޖުތަމައުގެ ތާއީދު ހޯދިދާނެއެވެ. ނަމަވެސް އެ މުޖުތަމައުއަކީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މުޖުތަމައުއެއް ނޫން ނަމަ އެ ތާއީދަކީ ހަޤީޤަތުގައި އެއްވެސް ފައިދާއެއް ހުރި އެއްޗެއް ނޫނެވެ.
ޣައިރު މުސްލިމް ބައެއް ޤައުމުތަކުގައި ރައްޔިތުންގެ ތާއީދު ލިބިގެން އެތައް އަހަރަކު ވެރިކަންކުރާ މީހުން އެބަ އުޅެއެވެ. އެމެރިކާގެ ވެރިކަން ވެސް އެޤައުމުގެ ޤާނޫނުގައި ހުއްދަކުރާ އެންމެ ދިގު މުއްދަތަށް، 10 އަހަރު އެކުރަނީ ނޫންހެއްޔެވެ؟ އެއްވެސް ޙާލެއްގައި އެއީ އެމީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އޮތްކަމުގެ ހެއްކެއް ނޫނެވެ. އެންމެ ކުރިއަށް ޖެހިލައި ފިރުއަޢުނާއި ނަމްރޫދް ފަދަ މީހުންގެ ވެރިކަމާއި އެމީހުންނަށް ތާއީދުކުރި މީހުންނަށް ވެގެންދިއަ ގޮތަށް ބެލުމުން މިކަމުގެ ހެކި ޤުރްއާނުން އެއޮތީ ފެންނާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން