އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ކުނިން ހަކަތަ އުފައްދާ "ވޭސްޓް ޓު އެނަރޖީ ޕްލާންޓް" ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް (ޕީ.ޕީ.ޕީ) މޮޑެލްގެ ދަށުން ހިންގުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން، އަޙުމަދު މުރުތަޟާ ވިދާޅުވީ، މިވަގުތު މި ޕްލާންޓް އޮޕަރޭޓް ކުރަމުން ނުދިޔަ ނަމަވެސް، އެ ތަނުގެ ޙާލަތު ދާއިމީ ގޮތެއްގައި ބަލަމުންދާ ކަމަށެވެ. އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުކޮށް ފަށައިގަންނައިރު، އެކަމަށް ބޭނުންވާ ފަންނީ ކެޕޭސިޓީ ރާއްޖޭގައި ނެތުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެސަބަބަށްޓަކައި އަޅުގަނޑުމެން ތިލަފުށީގައި ހިންގާ ޕްރޮޖެކްޓްގެ މަސައްކަތް މިދިޔައީ ޑިޒައިން ބިލްޑް އެންޑް އޮޕަރޭޓް މޮޑެލްއަކަށް. މާނައަކީ ކޮންޓްރެކްޓަރ އޭތި ނިންމާފަ 15 އަހަރު ދުވަހަށް ހިންގާނީ. ނަމަވެސް ވަންދޫއާއި އައްޑޫގެ ކަންތައް އޭރު އަޅުގަނޑުމެންނަށް ނުގެންދެވުނު، އަޅުގަނޑުމެން ބެލީ ރާއްޖޭގައި އެއަންނަންވާއިރަށް އެކެޕޭސިޓީ ބިލްޑް ކުރެވޭނެކަމަށް. އެހެންނަމަވެސް ކަންދިމާކުރިގޮތުން އެކަމެއް ނުއެއްވި." މުރުތަޟާ ވިދާޅުވިއެވެ.