އެއްވެސް ކުއްޖަކު ތަޢުލީމުން މަޙްރޫމްވެފައި ހުންނާކަށް ދޫކޮށެއް ނުލާނަން: ވަޒީރު ޝަފީޢު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އެއްވެސް ކުއްޖަކު ތަޢުލީމުން މަޙްރޫމްވެފައި ހުންނާކަށް ދޫކޮށެއް ނުލާނަން: ވަޒީރު ޝަފީޢު

ދިވެހިރާއްޖޭގެ އެއްވެސް ކުއްޖަކު ސްކޫލަށް ނުގޮސް، ތަޢުލީމުން މަޙްރޫމްވެފައި ހުންނަން ދޫކޮށްނުލައްވާނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ދަށްވަމުންދާ މައްސަލައާ ގުޅޭގޮތުން ކަނބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި 'ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް' ރިޕޯޓް އާންމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 8,000 އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށެވެ. މިއީ އިންތިހާއަށް ބޮޑު އަދަދެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިއީ މުޅި މުޖުތަމަޢު ކަނބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ސްކޫލަށް ނުދާ ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންނަކީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލުތަކަށް ނިސްބަތްވާ ކުދިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ، ދަރިވަރުންގެ ހާޒިރީ ހަރުކަށިކޮށް ބަލަން ފެށީ 2013 ވަނަ އަހަރު އުފެދުނު ސަރުކާރުގެ ތެރެއިން ކަމަށެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުން އެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ބަލަހައްޓާފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުކުރުވުމަށްޓަކައި ތަޢުލީމީ ވުޒާރާގައި މިހާރުވެސް 'އެޓެންޑެންސް ޕޮލިސީ' އެއް އޮންނަކަމަށް ވަޒީރު ވިދާޅުވިއެވެ. މި އުސޫލުގެ ދަށުން ދަރިވަރުން ސްކޫލަށް ނުދާ މުއްދަތުތައް ބަލައި، ކުރު މުއްދަތަށާއި ދިގު މުއްދަތަށް ސްކޫލަށް ހާޒިރުނުވާނަމަ އެކަންކަމާ މެދު އަމަލުކުރާނެ ވަކި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރުކޮށްދިނުން ކަމަށްވެސް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން